ދުނިޔެއަށް ކުރިމަތި ވެފައިމިވާ ސިއްޙީ ބަލިމަޑުކަމާއެކު ސްކޫލްތައް ބަންދު ވުމުގެ ސަބަބުން ވަޒީފާއަށްދާ މައިންބަފައިންނަށް ވަނީ އެމީހުންގެ ދަރީން ގޭގައި މާމަ ނުވަތަ ކާފައާއެކު ބައިތިއްބަން މަޖްބޫރު ވެފައެވެ.
މިކަމަކީ ނުރައްކާތެރި ކޮވިޑް-19 ޖެހުމުން އެންމެ ޙާލަތު ގޯސްވެ މަރާއި ހަނގުރާމަ ކުރަންޖެހިފައިވާ މީހުންގެ ނިސްބަތުން ޢުމުރުން ދުވަސްވީ މީހުން ގިނަ ވެފައި ، ކުޑަކުދިންނަށް މިބަލި ފެތުރުން އަވަސް ވާނެ ކަމެއްކަމަށް ގިނަބަޔަކު ދެކެއެވެ.
ސިއްޙީ މާހިރުންވެސް ބާރު އަޅަމުންދަނީ ކޮވިޑް 19 ގެ ރިސްކް ބޮޑު ގްރޫޕެއް ކަމަށްވާ ޢުމުރުން ދުވަސްވީ ކާފަ މާމައިންނާއި ކުޑަކުދިން ދުރުކުރުމަށެވެ.
މިދަނޑިވަޅުގައި މާމަ ކާފައާއި ދެމީޓަރު ވަރު ދުރުގައި ތިބުމަށް ޔޭލް ޔުނިވަސިޓީގެ ޕްރޮފެސަރެއްކަމަށްވާ ޑޮކްޓަރ ކާވޭ ޚޯޝްނުދު ވަނީ ލަފާދީފައެވެ.
” ވަރަށް ޚާއްސަ އިސްކަމެއް ދޭންވާނެ އެކުދިންނަށް މިވައިރަހަކީ ކޮން އެއްޗެއްކަން ބުނެދީ މިދަނޑިވަޅުގައި މާމަކާފައާއި ގައިގޯޅިވެ ބައްދާ ދޮންދީ ނަހަދަންވީ ކީއްވެ ކަން ބުނެދިނުން. ކުދީންގެ ކިބައިގައި ހުރީ ކޮން އުނިކަމެއްތޯ އެކުދިންގެ އަމިއްލަ ނަފްސާއި ސުވާލު ކުރުމުގެ ފުރުސަތު ފަހިކޮށްދީގެންނުވާނެ.” ޑޮކްޓަރ ޚުޝްނޫދު ވިދާޅުވިއެވެ.
” މިކަން ވާންޖެހޭނީ ދެފަރާތަށްވެސް ހަމަހަމަޔަށް ކިރާލެވޭނެ ކަމަކަށް. އެއްކޮޅުން މިއީ ދުވަސްވީ މީހުންގެ ގައިން އެހެންމީހުންނަށް ބަލި ފެތުރުނަ ނުދިނުމަށް އެޅޭ ފިޔަވަޅަކަށް ވުމުގެ އިތުރުން ކާފަމާމައާއި އަދި ދަރިފުޅަށް ނަފްސާނީގޮތުން ކޮށްފާނެ އަސަރަކަށް ވެސް ވިސްނަންޖެހޭ ދަނޑިވަޅެއް.” އޭނާ އިތުރަށް ބަޔާން ކުރިއެވެ.
އިނގިރޭސި ވިލާތުގައި އަދި ސްކޫލްތައް އެއްކޮށް ބަންދުކޮށްފައިވެސް ނުވާއިރު ސަރުކާރުންވަނީ ކުދީން އެ ޢުމުރުގެ މީހުންނާއި ދުރުގައި ގެންގުޅުމަށް މައިންބަފައިންނަށް އިލްތިމާސްކޮށްފައެވެ.
މިވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ އިޓަލީގައިވެސް ވަނީ ޢުމުރުން ދުވަސްވީ މީހުން ގޭގައި ވަކިން އުޅުމަށް އަންގާފައެވެ.
ޖަރުމަނުގެ ސޯޝަލް އެފެއާޒް މިނިސްޓަރ ވަނީ ޢުމުރުން ދުވަސްވީ މީހުން ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުން ހުއްޓާލަން ޖެހިއްޖެ ކަމަށާއި އެކަކު އަނެކަކަށް ގައިގޯޅިވެ ހެދުން ފަދަ ކަންތަކުން ދުރުވުމާއެކު ޢާއްމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ސާފުތާހިރު ކަމުގެ މިންގަނޑަށް ސަމާލުވާން ނަސޭޙަތްތެރިވެފައެވެ. އެޤައުމުގައި 7 މީހަކު މިބަލީގައި މިހާތަނަށް މަރުވެފައިވާއިރު އޭގެތެރޭގައި ގިނައީ ޢުމުރުން ދުވަސްވީ މީހުންނެވެ.
ގިނަފަހަރަށް ވައިރަސްގެ އަސަރު ހުއްޓަސް ބޭރުފުށުން ޢަލާމާތެއް ނުފެންނަ މީސްމީހުންގެ ގައިން ދުވަސްވީމީހުންނަށް މިބަލި ފަސޭހައިން އެރުމަށްފަހު އެމީހުން ވެފައި ވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑު ބައެއްގެ ގޮތުގައެވެ.
މިހުރިހާ ސަބަބު ތަކަކާހުރެ ޢުމުރުން ދުވަސްވީ މީހުންނާއި ކާފަމާމައިން މިއަދު މިވަނީ ދެވަނަ ވިސްނުމަކަށް ދާން ޖެހިފައެވެ. ފުރާނަ އަތަށްލައިގެން ސަލާމަތަށް އެދިއެދި އެތައް ބަޔަކު ތިބި މާޙައުލެއްގައި ރައްކާތެރިކަމުގެ ގޮތުން ބައެއް ޢާއްމު އާދަތަކާއި މިއަދު ދުރުވާން ވީއެވެ. މަޖްބޫރު ޙާލަތުގައި މެނުވީ ގެއިންބޭރަށް ނުދާންވީއެވެ. ޢާއްމު ތަންތަނާއި މަގުމައްޗަށް ނުނިކުންނަން ވީއެވެ. ހިތްފަސޭހަ ކޮށްލުމަށް ހަވީރު ފިނީގައި އޮށޯވެލާ ހޮޅުއަށީ ޖޯއްޔާއި ދުރަށް ދާންވީއެވެ. ގޭތެރޭގައިވެސް އެކަހެރި ވެލަންވީއެވެ.
މާމަ ކާފަ ދަރިފުޅު ދެކެވާ ލޯބި ހިތުގައި ފޮރުވާލަން މިއަދު ނުރުހުނަސް މިވަނީ މަޖްބޫރުވެފައެވެ. މިއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއްކޮޅުން މައިންބަފައިން ވަޒީފާއަށް ފޮނުވައިގެން ދަރިފުޅު ބަލާދޭ މީހަކީ ވެސް މާމައެވެ. މިފަދަ ޢާއިލާތަކަށް މިއީ ކެތްކުރެވޭނޭ ކަމަކަށް ނުވެސް ވާނެއެވެ. އެހެންނަމަވެސް މުޅި ދުނިޔެ އެދި ގޮވަނީ މިއަދު ރައްކާތެރިވެ ތިބުމަށެވެ. ފަރްދީ ޒިއްމާ އަދާކުރުމަށެވެ. ވެރީންގެ އިރްޝާދުތަކުގައި ހިފައިގެން ކުރިއަށްދާންވީ ވަގުތު މިވަނީ ކުޑަތަންވެފައެވެ.