މިދިޔަ އަހަރު ގދ.ތިނަދޫއިން އިސްލާމްދީނާއި ރަސޫލާއަށް ފާޅުގައި ފުރައްސާރަކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ރުސްތުމް މުޖްތަބާ ގެއަށް ބަދަލުކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ރުސްތުމް ހައްޔަރުކޮށްފައިވަނީ އިސްލާމް ދީނާއި ދެކޮޅަށް އަޑުއުފުލުމުގެ އިތުރުން ޓުވިޓާގައި އިސްލާމްދީނަކީ ލޭއޮހޮރުވައިގެން ފަތުރާފައިވާ ލާއިންސާނީ ދީނެއްކަމަށް ބުނެ ކުރިއަށް އޮތް ތަނުގައި ލާދިނީ ބޮޑު ޖަލްސާތައް ވެސް ބާއްވާނެ ކަމަށް ބުނެ ކޮށްފައިވާ ޓުވިޓްތަކާއި ގުޅިގެންނެވެ. މީގެ އިތުރުން ތިނަދޫގެ ޒުވާނުންނަށް ދީނާއި ހިލާފް ތަފާތު އެކި ވާހަކަތައް ކިޔައިދޭން އޭނާ މަސައްކަތްކޮށްފައިވެއެވެ.
ރުސްތުމް ހައްޔަރު ކުރުމަށްފަހު ފުލުހުން އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ދީފައި ނުވާއިރު އޭނާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށާއި އިސްލާމިކް މިނިސްޓްރީގެ ކައުންސިލިން ސެޝަންތަކަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭރު މައުލޫމާތު ދިނެވެ. އަދި އޭނާގެ ނަފްސާނީ ޓެސްޓުތަކެއް ހެދިކަމަށް އޭރު ވާހަކަ ދެކެވިފައިވާއިރު އޭގެ ނަތީޖާތަކުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.އޭނާއަށް ދެ ފަހަރެއްގެ މަތީން ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ރުސްތުމްއަށް ދައުވާއެއް ކޮށް ހުކުމެއް އިއްވާފައި ނުވެއެވެ.
ފުލުުހުންގެ ބެލުމުގެ ދަށުން އޭނާ ދޫކޮށްލުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު އޭނާއަކި މުސްލިމެއް ނޫންކަމަށް ބުނެ ގދ.ތިނަދޫ ކޯޓަށް އޭނާ ދީފައިވާ ބަޔާނެއްވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މީގެ އިތުރުން އޭނާ ގޭ ބަންދަށް ބަދަލު ކުރުމާއި އެކު އަނެއްކާވެސް ޓުވިޓާގައި އޭނާވަނީ ދީނާއި ހިލާފް ޕޯސްޓްތަކެއް ޖަހާފައެވެ. މިގޮތުން އެންމެ ފުރަތަމަ ކުރި ޓުވިޓްގައި ބުނީ އޭނާ ކިތަންމެ ފަހަރަކުވެސް ބަންދު ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ އެ މިނިވަން ސިކުނޑި ބަޔަކަށް ދެން ދުވަހަކުވެސް ބަންދެއް ނުކުރެވޭނެ ކަމަށެވެ. އެއަށްފަހު އިތުރު ޓްވީޓެއްކޮށް ބުނެފައިވަނީ ހައްގުތައް ނުދޭން ދެއްކޭނޭ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށާއި ދިވެހިންނަށް ދީނީ މިނިވަންކަން ދޭންޖެހޭނެ ކަމަށް އޭނާވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް ކަމާއި ބެހޭ އިދާރާތަކުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.