ދޫނި ރޯގާ އުޅޭ ޤައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިދުވަސްވަރަކީ ގިނަ ޤައުމުތަކެއްގައި ދޫނިރޯގާ (Highly Pathogenic Avian Influenza) ފެތުރެމުންދާ ދުވަސްވަރަކަށްވުމާއެކު ދޫނިރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުމަކީ ރާއްޖެއަށް އެބަލި އެތެރެވުމަށް އޮތް ފުރުޞަތެއް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން މިބަލި އުޅޭ ޤައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި، ހުއްދަ ދޭން ފަށާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން މިހެން ބުނެފައިވާއިރު، އަވަށްޓެރި އިންޑިއާގެ ތިން ހިސާބަކުން ދޫނި ރޯގާ ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން ޗައިނާގެ ދެ ޕްރޮވިންސަކުންވެސް ވަނީ ދޫނި ރޯގާ ރިޕޯޓްކޮށްފަ އެވެ.
ދޫނި ރޯގާ ފެތުރުމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅަކީ، ޗައިނާގެ ވުހާން އިން އުފެދުނު ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ ދަނޑިވަޅެކެވެ. އެގޮތުން މި ބައްޔަށް މިހާތަނަށް ރާއްޖެއިންވެސް އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.