މިދިޔަ ޖަނަވަރީ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 1.81 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ ފެބުރުވަރީ މަހު ދައުލަތަށް 1.43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން ޖެނުއަރީ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 57.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު 12.3% އިތުރު އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ 2.2% އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ ފެބުރުވަރީ މަހު ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ބީޕީޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ފެބުރުވަރީ މަހަށް އިތުރުކުރުމާއި ގުޅިގެންނެވެ. އަދި މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ޑިޕާޗާތައް އިތުރުވުމުގެ ސަބަބުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމަކީވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި ސަބަބެކެވެ.
މީގރ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ‘ވަންސް-އޮފް ޕޭމަންޓް’ އެއް ކަމުގައި ވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 43.7% ނުވަތަ 623،730،756 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ބީޕީޓީންނެވެ. އެއީ 28.9% ނުވަތަ 412،537،990 ރުފިޔާ އެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 77،023،981 ރުފިޔާ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76،800،00 ލިބިފައިވާއިރު، މިދިޔަ މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައި ވަނީ 72،533،985 ރުފިޔާ އެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 168،86 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ ޖަނަވަރީ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 1.81 ބިލިއަން ރުފިޔާ އެވެ.