ދިރާގުން މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާގުޅިގެން ދިރާގުގައި މައިންގެ ކޮޓަރިއެއް ގާއިމުކޮށްފިއެވެ.
މައިންގެ ކޮޓަރިއެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އޮފީހުގައި މަސައްކަތްކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ކިރުދީ، ޕަންޕްކުރުން ފަދަ ކަންތައް ކުރުމަށް ފަސޭހަ، އަރާމު އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުންކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.
ތުއްތު ކުއްޖެއް ލިބުމާއެކު ވަޒީފާއަށް އަނބުރާ އަންނަން ޖެހޭ މައިންނަކީ ނުހަނު ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ބަޔަކަށްވެފައި ޒިންމާދާރު ވަޒީފާއެއް އަދާކުރުމުގެ އިތުރުން އާއިލާއެއް ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަން ޖެހި، ހަމަ ހަމަ އަށް ދެބައި ބެލެހެއްޓުން ވެގެންދަނީ ގިނަ މައިންނަށް ކުރިމަތިވާ ގޮންޖެހުމަކަށެވެ. އަދި ގިނަފަހަރަށް ވަޒީފާގައި ދިގު ގަޑިތަކެއް ހޭދަކުރަން ޖެހުމުން 2 އަހަރުން ދަށުގެ ތުއްތު ދަރިފުޅަށް ގާތުން ކިރު ދިނުމުގައި ދަތިތަކާ ކުރިމަލިލާން ޖެހި، ލިބޭ ބްރޭކް ގަޑި ތަކުގައި ގެޔަށް ގޮސް ފީޑް ކޮށް ކަންތައްކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ގާތުން ކިރުދިނުމަށް ބުރޫ އަރާ، އަދި ބައެއް ފަހަރު ހުއްޓާލަން ޖެހި، ފޯމިއުލާ އަށް ބަދަލު ކުރަން ޖެހޭ ހާލަތު އާދެއެވެ. މީގެ ސަބަބުން މައިންގެ ސިއްހަތަށްވެސް ނުހަނު ނޭދެވޭ އަސަރު ކުރާކަމަށް ގިނަ ހޯދުންތަކުން ވަނީ ދައްކާފައިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް މައިންގެ ކޮޓަރިތައް ކޮންމެ އޮފީހެއްގައި ގާއިމުކުރުން ވަނީ ލާޒިމްކޮށްފައިއެވެ. ސަބަބަކީ ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން މި ކަހަލަ ފެސިލިޓީތައް ވަޒީފާގެ މާހައުލުން ފަސޭހަކަމާއެކު ލިބުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީއެވެ. އަދި އަންހެނުންނަށް ވެސް ކާމިޔާބު ވަޒީފާއަކާ އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތަށް މަގުފަހިކޮށް، އަންހެނުން ބާރުވެރިކުރުމަކީވެސް އެއް މަޤްސަދެވެ.
މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުންވެސް ނުހަނު އިސްކަމެއްދޭ ކަމަކަށްވާއިރު މުވައްޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ޚިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ހިއްސާ ނުހަނު ބޮޑުކަމަށް ދިރާގުން ފާހަގަ ކުރައްވައެވެ.. އެހެން ކަމުން، އަންހެނުން ބާރުވެރިކޮށް ވަޒީފާގެ މާހައުލުގައި ހަމަ ހަމަ އުސޫލުތަކަށް އަމަލުކުރުމަކީ ދިރާގުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ގޮތެއްކަމަށް ވިދާޅުވެފައިވެއެވެ.
ދިރާގުގެ އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ހީވާގި، ޒިންމާދާރު އަންހެން މުވައްޒަފުންނަކީ ވަޒީފާގައި އާއި އަދި ދިރިއުޅުމުގައިވެސް ކާމިޔާބު ބައެއްކަމުގައި ހެދުމެވެ.