English Edition
Dhivehi Edition
13 ފެބުރުވަރީ 2020ގައި ރައީސް ޞާލިޙް، ކޮމަންވެލްތު އެންޓަރ ޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަންއާއި ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތު ދުވަހުގެ ތަހުނިޔާ ހުރިހާ މެންބަރު ޤައުމުތަކަށް ފޮނުއްވައިފި އެވެ.

ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމަންވެލްތުގެ 54 ޤައުމުގެ ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. އަދި ރައީސް ވިދާޅުވީ މީގެ ހަފްތާތަކެއް ކުރިން ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި ކޮމަންވެލްތުން ދުނިޔޭގައި އެންމެންގެ ލާބައަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ކަމަށްވެސް އެ ޓްވީޓްގައި ރައީސް ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ކޮމަންވެލްތާއި ވަކިވުމަށްފަހު ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުނީ މިދިޔަ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ހުށަހަޅައި، އެމަސައްކަތް ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް 17 ނޮވެމްބަރު 2018 ވަނަ ދުވަހު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއްކަންތަކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ކެބިނެޓުން ރުހުން ދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ކޮމަންވެލްތަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ރާއްޖެއިން ކޮމަންވެލްތަށް އަލުން މިވަނީ އެޖަމްއިއްޔާގެ 54 ވަނަ މެމްބަރު ޤައުމުގެ ގޮތުގައެވެ. ރާއްޖެއިން މީގެ ކުރިން ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ ހަރަކާތްތަކެއްގައި ދިޔައީ ބައިވެރިވަމުންނެވެ. އެގޮތުން ޒުވާނުންނާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން އަންހެނުންގެ ހައްގުތަކުގެ ދާއިރާފަދަ ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވެއެވެ.