English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރައްވާ އދ.ގެ ޚާއްޞަ މަންދޫބު، ޑޮކްޓަރ ނަޖަތް މާއްލާ މަޖީދް އާއި ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު - ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ޑޮކްޓަރ ނަޖަތް މާއްލާ މަޖީދް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ މުލީއާގޭގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ޑޮކްޓަރ ނަޖަތް މާއްލާ މަޖީދް ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެކަމަނާއަށް ޝުކުރު ދަންނަވާފައެވެ.

އަދި އެ ބައްދަލުކުރެއްވުމުގައި ދެ ބޭކަނބަލުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަށް ހުއްޓުވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެފަދަ ހިތާމަވެރި ކަންކަން ހުއްޓުވައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތަށް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި އިޖުތިމާޢީ ޙިދުމަތުގެ ފަންނު ތަރައްޤީކުރުމަށް އޮތް ބޭނުން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފް ގުޅިގެން ދަރިވަރުން ގެ ބަހާއި އެކު ތައުލީމީ ދާއިރާ ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ މަޖީދް ވަނީ، ކުޑަކުދިންގެ ޙައްޤުތަށް ކަށަވަރުކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާތަށް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަށް ފާހަގަކުރައްވާފައެވެ. އަދި، ކުޑަކުދިންގެ ޙައްޤުތަށް ރައްކާތެރިކުރުމަށް އެކުލަވައިލި ޤާނޫނާއި، “ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ މަސައްކަތްތަށް އެކަމަނާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ، ކުޑަކުދިންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަކީ ކުޑަކުދިންގެ ޙައްޤުތަށް ރައްކާތެރިކުރުމަށް ޔުނިސެފްގެ ފަރާތުން ކަނޑައަޅުއްވާފައިވާ ސަފީރެކެވެ.

އެ ބައްދަލުކުރެއްވުމުގައި، ޑޮކްޓަރ ނަޖަތް މާއްލާ މަޖީދްގެ އަރިހުގައި، ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ. ގެ އެހެނިހެން އިދާރާތައް ތަމްސީލު ކުރައްވާ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.