English Edition
Dhivehi Edition

ބްރޫނާއީއިން ދިވެހިރާއްޖެއަށް ދޭ ސްކޮލާޝިޕް އިތުރުކުރަން އެ ޤައުމުން ނިންމައިފި އެވެ.

ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލާޝިޕް އިތުރުކޮށްފައި މިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބްރޫނާއި އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ބުރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ އާއި ބްރޫނާއީގެ ސެކަންޑް ފޮރިން މިނިސްޓަރ އަދި އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނެފައި ވަނީ މިނިސްޓަރ ޝާހިދުގެ މި ބައްދަލުވުންތަކުގައި ބްރޫނާއީއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިހާރުވެސް ކޮންމެ އަހަރަކު 5 ސްކޮލަރޝިޕް އެޤައުން ދޭކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ބްރޫނާއީއިން ރާއްޖެއަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ދިނުމަށް ނިންމާފައިވާއިރު އެ ޤައުމުގައި މިހާރުވެސް ސްކޮލަޝިޕްގެ ދަށުން 5 ދަރިވަރަކު ދަނީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ.