ކޮރޯނާވައިރަސް އާއި ގުޅިގެން މަޝްހޫރު ކޮފީ ވިއްކާ ފްރެންޗައިޒް، ސްޓާބަކްސްގެ ބްރާންޗްތަކުން ރީޔޫސެބަލް ތަށިތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ސްޓާބަކްސް އިން ބުނީ ރީޔޫސެބަލް ތަށި ހިފައިގެން އައުމުން ކަސްޓަމަރުންނަށްވެސް އަދިވެސް ޑިސްކައުންޓް ލިބޭނެ ކަމަށާއި، ނަމަވެސް ބުއިންތައް ސާވްކުރާނީ ކަރުދާސް ތަށީގައި ކަމަށވެ.
ގްރޭޓް ވެސްޓާން ރެއިލްވޭ އާއި އެލްއެންއީއާރް އިންވެސް ރޭލުތަކުގައި ރީޔޫސެބަލް ތަށި ބޭނުންކުރުން މަނާކުރުމަށްފަހު، ޖީޑަބްލިއުއާރް އިން ވަނީ އޭގެ ދުވަސްކޮޅެއް ފަހުން އެ ޤަވާއިދު އުވާލައިފަ އެވެ.
ސާފުތާހިރުކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ތިމާވެށީގެ ކަންބޮޑުވުންތަކަށްވުރެ މިވަގުތު މުހިންމުވާން ޖެހޭނީ ވައިރަހުން ރައްކާތެރިވުން ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ސްޓާބަކްސް އިން ރީޔޫސެބަލް ތަށި ބޭނުންކުރުން ހުއްޓާލުމަކީ ޞިއްޙީ މާހިރުންގެ ލަފަޔަކަށްވުރެ ބޮޑަށް އެކުންފުނީގެ އެތެރެއިން ނިންމި ނިންމުމެކެވެ.
ސްޓާބަކްސްގެ ޔޫރޮޕްގެ ތަރުޖަމާނު ރޮބާޓް ލިންޗް އާއި ހަވާލާދީ ބީބީސީ ޔޫކޭ އިން ރިޕޯޓްކުރާ ގޮތުގައި ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ޔޫކޭގެ ސްޓާބަކްސް އައުޓްލެޓްތަކުގައި އަމިއްލަ ތަށި ބޭނުންކުރުން ވަނީ މެދުކަނޑާލައިފަ އެވެ. އެހެންނަމަވެސް އަމިއްލަ ތަށްޓެއް ގެންނަ ކޮންމެ މީހަކަށް އަދިވެސް ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން ކަރުދާސް ތަށި ބޭނުންކުރުމަށް އެދޭ ކަސްޓަމަރުންގެ އަދުން ސްޓާބަކްސް އިން ނަގަމުން އައި ޗާޖުވެސް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް ލިންޗް ބުނެއެވެ.
އެމެރިކާގައި ހިންގާ ސްޓާބަކްސްގެ އައުޓްލެޓްތަކުން ވެސް ވަނީ ރައްކާތެރިކަމުގެ އެފަދަ ފިޔަވަޅުތައް އަޅައިފަ އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި މިދިޔަ ޖަނަވަރީ މަހު ސްޓާބަކްސް އިން ވަނީ ޗައިނާގައި ހިންގާ އެ ކުންފުނީގެ ގާތްގަނޑަކަށް 4،300 އައުޓްލެޓްގެ ތެރެއިން ދެބައިކުޅަ އެއްބައި އައުޓްލެޓްތައް ބަންދުކޮށްފަ އެވެ.