ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ‘ޑިސްޓްރިބިއުޝަން ސެންޓަރުން’ ވިޔަފާރި ބޭނުމަށް ޔުނިޓު ކުއްޔަށްދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ ޑިސްޓްރިބިއުޝަން ސެންޓަރުން ވިޔަފާރި ބޭނުމަށް ޔުނިޓު ކުއްޔަށް ދޫކުރުމަށް ޕްެރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިފާ ކަމަށެވެ. އެގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންވީނިއަންސް ސްޓޯރެއް ޤާއިމްކުރުމަށް އެއް ޔުނިޓާއި، ކެފެޓީރިއާއެއް ހިންގުމަށް އެއް ޔުނިޓާއި، 07 ލައިޓް އިންޑަސްޓްރިއަލް ޔުނިޓާއި، 07 ހޯލްސޭލް ޔުނިޓުގެ އިތުރުން 06 ސަޕޯޓް އޮފީސް ޔުނިޓާއި 07 މިކްސްޑް ޕެކޭޖްޑް ޔުނިޓެވެ.
މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އެއް ލައިޓް އިންޑަސްޓްރިއަލް ޔުނިޓައި އެއް ސަޕޯޓް އޮފީސް ޔުނިޓުވެސް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކަމާގުޅޭ އިތުރު މަޢުލޫމާތާއި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚު އެޗްޑީސީގެ ވެބްސައިޓް www.hdc.com.mv އަދި properties.hdc.com.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުންދާ 91،000 އަކަފޫޓުގެ ޑިސްޓްރިބިއުޝަން ސެންޓަރަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ބޭނުންވާ ގުދަންތައް ހިމެނޭ އިމާރާތެކެވެ. ޖުމްލަ 49 ޔުނިޓު ހިމެނޭ އެ ސެންޓަރު މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެ ޑިސްޓްރިބިއުޝަން ސެންޓަރުގައި އެއް ކޮންވީނިއަންސް ސްޓޯޜ، 14 ވެއަރހައުސް ޔުނިޓު، 13 ލައިޓް އިންޑަސްޓްރިއަލް ޔުނިޓު އަދި 20 އޮފީސް ސްޕޭސް އާއި އެއް ރެސްޓޯރެންޓު ހިމެނެއެވެ.