English Edition
Dhivehi Edition

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރި މި ވައިރަސް ޖެހޭ މީހުންގެ އަދަދު ސައުތު ކޮރެއާގައި އިތުރުވަމުން އަންނައިރު އެ ޤައުމުގެ ހޮސްޕިޓަލް ތަކުން ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ދަނީ އުނދަގޫތަކާއި ކުރިމަތިލަމުންނެވެ.

ޗައިނާ ފިޔަވައި އެންމެ ބޮޑަށް ވައިރަސް ފެތުރެމުން އަންނަ އެއް ޤައުމަކީ ސައުތު ކޮރިއާ އެވެ. އެ ޤައުމުގައި މިއަދު އެކަނިވެސް 516 މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވާއިރު މިހާތަނަށް ވައިރަސް ޖެހިގެން އެ ޤައުމުގައި ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ 5،328 އަށް އަރައިފަ އެވެ. އެޤައުމުން 32 މީހަކު ވަނީ ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައެވެ.

ސައުތު ކޮރެއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ އެޤައުމުގެ ޑައޭގޫ އަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން އެ ސިޓީއިން 4،006 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ފަރުވާދިނުމަށް އަދިވެސް ހޮސްޕިޓަލް ތަކުން އެނދުލިބޭގޮތް ވަނީ ނުވެފައެވެ.

ވައިރަސް ޖެހިގެން ބޮޑަށް ސީރިޔަސް ފަރާތްތަކަށް ސައުތު ކޮރެއާގައި ފަރުވާދެމުން ގެންދަނީ އެ ޤައުމުގެ މިލިޓަލީ ހޮސްޕިޓަލް ތަކުގައި އެވެ. އެ ޤައުމުގައި ވަނީ 130،000 މީހުން ވައިރަހަށް ޓެސްޓުކޮށްފައެވެ. އެޤައުމުގެ އެކި ހިސާބުތަކުގައި 24 ގަޑިއިރުވަންދެން ވައިރަހަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ކާރުން ނުފައިބައި އެ ޓެސްޓުތައް ކުރެވޭނެ އެވެ.

ވައިރަހާއި ގުޅިގެން ސައުތު ކޮރެއާގެ ރައީސް މޫ ޖައޭއިން ޔުއޭއީ، ތުރުކީ އަދި މިސްރަށް ކުރަށްވަން ހަމަޖެހިފައިވާ ދަތުރުތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. ރައީސް މޫ ވަނީ އެ ޤައުމުގައި މާސްކު ލިބުން ދަތިވާތީ އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. މާސްކު ހޯދުމަށް ސައުތުކޮރެއާ ރައްޔިތުން ވަނީ ކިޔު ހަދާލާފައެވެ.