މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ވަޒީރުންނަށް މިއަދު މަޢުލޫމާތު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ކެބިނެޓް ވޯކިން ސެޝަންގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާއެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި، ރައީސް އޮފީހުގެ މިނިސްޓަރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ދެއްވި ޕްރެޒެންޓޭޝަންގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާ އުސޫލުތަކާބެހޭ ގޮތުންނާއި، ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޢުލޫމާތު ޙިއްސާކުރެއްވެވިއެވެ.
އެ ބައްދަލުވުމުގައި ވަޒީރުން ކުރެއްވި ގިނަ ސުވާލުތަކަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ޖަވާބު ދެއްވެވިއެވެ. މަޢުލޫމާތު ދޫކުރުމުގައި ދިމާވާ ކަންކަމާއި، އިތުރަށް ރަނގަޅު ކުރެވިދާނެ ބައެއް ކަންކަމުގެ ޚިޔާލު ވެސް ވަޒީރުން ދެއްވެވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ފާހަގަ ކުރެއްވި ގޮތުގައި ބައެއް ޙާލަތްތަކުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް މުއައްސަސާތަކުން ޢަމަލުކުރާ މިންވަރު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށާއި، ނަމަވެސް އިތުރަށް ވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ފާހަގަކުރެއްވެވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި “މި ދައުލަތަށް އެންމެ ހެޔޮ ގޮތަކީ ހާމަކަން ވީހާ ވެސް ބޮޑުކުރުން” ކަމަށާއި، ބިރެއް ނެތި މަޢުލޫމާތު ހާމަކުރުމުގެ ޘަގާފަތެއް ޤާއިމުކުރުން ކަމަށެވެ. ހެޔޮ ހިންގުމުގެ ނިޒާމަކަށް އެންމެ މުހިންމު ކަމަކީ ވެސް ހާމަކަން ބޮޑުކުރުން ކަމަށާއި ނަޒާހަތްތެރި ދައުލަތެއް އުފެދޭނީ ވެސް މަޢުލޫމާތު ހާމަކަން ބޮޑުވި މިންވަރެއްގެ މައްޗަށް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހަށް ޕްރެޒެންޓޭޝަނެއް ދެއްވުމަށް ފުރުޞަތު ދެއްވި ކަމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު، ރައީސް ސޯލިހަށް ޝުކުރު އަދާކުރެއްވެވި އެވެ.