English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލާއި އޮމްނި ސޮލިއުޝަންސް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބީޗްތައް ހެދުމަށް އެންމެ އެކަށޭނެ ސަރަހައްދުތައް ހޯދުމަށް އޮޕްޝަންސް އެނަލިސިސްއެއް ހެދުމާއި، އަދި ޚިޔާރުކުރެވޭ ސަރަހައްދުތަކާއި ބީޗްހެދުމަށާއި ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ އެންވަޔަރަންމަންޓް އެސެސްމަންޓް (އީއައިއޭ) ހަދައި ބީޗް ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި އޮމްނި ސޮލިއުޝަންސް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް އެވެ. އަދި އޮމްނި ސޮލިއުޝަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުޙައްމަދު ރިއާޟް އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ގައުކެނޑި ބްރިޖް ސަރަހައްދުގައި 200 މީޓަރުގެ ބީޗަކާއި އައްޑޫ ސިޓީގެ މީދޫ، ހުޅުދޫ އަދި ހިތަދޫގެ އިތުރުން ފޭދޫގެ ޓުއަރިޒަމް ޒޯނުތަކުގައި ބީޗްތައް ހެދުމަށް، އެސަރަހައްދުތަކުގައި އޮޕްޝަންސް އެނަލިސިސްއެއް ހެދުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެމަރުހަލާއިން ޚިޔާރުކުރެވޭ ސަރަހައްދުތަކާއި ބީޗް ހެދުމަށާއި ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ އީއައިއޭ ހެދުމާއި، ފޭދޫ ސްވިމިންގ ޓްރެކް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދު ފުން ކުރުމަށް އެސަރަހައްދުގެ އީއައިއޭވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ބީޗްތައް ހެދުމަށް އެންމެ އެކަށީގެންވާ ސައިޒު ކަނޑައަޅައި ބީޗް ޑިޒައިންކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން އޮމްނި ސޮލިއުޝަންސްއާ ވަނީ ހަވާލުކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި އެ މަޝްރޫޢުތަކުގެ ޖުމްލަ އަގު 922،200ރ. އަށް އަރައެވެ.