English Edition
Dhivehi Edition

މިއަހަރުގެ ރޯދަ މަހު ސްކޫލުތަކުގައި ކިޔަވައިދެވޭނެ ވަގުތުތައް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރަމަޟާން މަހު ފުރަތަމަ ދަންފަޅީގެ ކިޔެވުން ފަށަން ޖެހޭނީ ހެނދުނު 08:40 އާއި 09:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ފަށަން ޖެހޭނީ ހެނދުނު 11:00 އާއި މެންދުރުފަހު 13:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ސާކިއުލާގައި ވިދާޅުވެފައިވެއެވެ. ސާކިއުލާގައިވާ ގޮތުން ކިޔަވައިދިނުމުގެ ވަގުތު ހަމަޖައްސާނީ މެންދުރުފަހު 15:00 ގެ ކުރިން ނިންމާ ގޮތަށެވެ. ރޯދަ މަހު އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންގެ ދަންފަޅިއެއްގެ ދިގުމިން ހަމަޖައްސާނީ އެއް ގަޑިއިރާއި 30 މިނެޓަށްވުރެ ކުރު ނުވާ ގޮތަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. ރޯދަ މަހު ގްރޭޑް 1 ން 7 އަށް ކިޔަވައިދިނުމަށް ހަމަޖައްސާފައިވަނީ ދެ ގަޑީއިރާއި 30 މިނެޓަށެވެ. ގްރޭޑް 8 ން 10 ގެ ދަރިވަރުންގެ ދަންފަޅިގެ ދިގުމިނުގެ ގޮތުގައި ތިން ގަޑިއިރު ކަނޑައަޅާފައިވާއިރު ގްރޭޑް 11 އަދި 12 ގެ ދަރިވަރުންގެ ދަންފަޅީގެ ދިގުމިނުގެ ގޮތުގައި ކަނޑައަޅާފައިވަނީ 4 ގަޑިއިރެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތުން އެއް ދަންފަޅިއަށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ސްކޫލްތަކުގައި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ އިތުރު ނުވާނެ ގޮތަށް، ދަރިވަރުންގެ އުމުރަށްބަލައި، ކިޔަވައިދޭ ވަގުތު ސްކޫލަށް އިތުރު ކުރެވިދާނެއެވެ. ސާކިއުލާގައިވާ ގޮތުން ޕީރިއަޑްތަކުގެ ދިގުމިން 30 މިނެޓާއި 45 މިނެޓާ ދެމެދަށް ހަމަޖެއްސިދާނެއެވެ. ދަންފަޅިތައް ރާވާލުމުގައި ވިސްނަންޖެހޭ ކަންކަންވެސް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. އެއް ދަން ފަޅިއަށް ކިޔަވައިދިނުން ހަމަޖެހިފައިވާ ސްކޫލް ތަކުގައި ޖުމްލަ ހަތަރު ގަޑިއިރަށް ވުރެ ދިގު ނުވާނެ ގޮތައް ދަރިވަރުންގެ އުމުރަށް ބަލައިގެން ކިޔެވުމުގެ ވަގުތު ސްކޫލަށް އިތުރު ކުރެވިދާނެ ކަމަށް މިނިސްޓްރީ އިން ވިދާޅުވެއެވެ.