English Edition
Dhivehi Edition
17 ޖެނުއަރީ 2020 ގައި ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ޕޯސްޓަރުތައް ހިފައިގެން - ފޮޓޯ: ނިޝާން އަލީ (މިހާރު)

މިދިޔަ ޖެނުއަރީ މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފި އެވެ.

ޖެންޑަރ މިނިސްޓްރީ އިން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން އިއްޔެ އާންމުކުރި ޖެނުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 121 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 48 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 43 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ގަނާ އަދި ފުރައްސާރަކުރުމުގެ 4 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 16 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 11 މައްސަލަ، ވެކްސިން ނުދިނުމުގެ 3 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ ހިމެނެއެވެ.

އަދި މިދިޔަ މަހު ޢާއިލީ 23 މައްސަލަ މިދިޔަ މަހު ޖެންޑަރ ނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 11 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 6 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ ހިމެނެއެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލައެއްވެސް މިދިޔަ މަހު ޖެންޑަރ މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 9 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 3 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 3 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 34 މައްސަލަ މިދިޔަ މަހު ޖެންޑަރ ނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 13 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 8 މައްސަލަ، ޖިންސީ އަނިޔާކުރުމުގެ 6 މައްސަލަ، ރޭޕްކުރުމުގެ 3 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 2 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ އަދި އިހުމާލުވުމުގެ 1 މައްސަލަ ހިމެނެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 30 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 6 މައްސަލައެއްވެސް މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.