English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ރައީސް އޮފީސް

ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް އިހުމާލުވި ކަމުގެ ދަޢުވާ، އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ކޮށްފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކަމަށެވެ.

އަދި ޤާނޫނުލްޢުޤޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެޤާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދަޢުވާވެސް އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ނަމަވެސް އެ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ އާއި ގުޅޭ އެއްވެސް ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.

މި މަހު ޢަމަލުކުރަން ފެށި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދެވަނަ ބާބުގެ 33 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމު ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އެ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ވާ ގޮތުން ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެ އެވެ.