English Edition
Dhivehi Edition

 

ޒުވާން ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ “ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް” އައްޑޫސިޓީގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އަންނަ މާރޗް މަހުގެ 20 ން 22 އަށް އީކުއޭޓަރ ވިލެޖް ގެ ބްލޫލެގޫން ގައި ބާއްވާ މި ޙަރަކާތަކީ ރާއްޖޭގައި އަލަށްފަށާ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ ޙަރަކާތެކެވެ.

54 ގަޑި އިރަށް ދިގު ދެމިގެންދާ މިޙަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ އިސް ފަރާތްތަކަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް، އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ޚިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދީ ވިޔަފާރި އާއި ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްގީކުރުމުގެ މަސައްކަތް ވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ވިޔަފާރީގެ އެކި ޚިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ

 

“ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް” ޕްރޮގްރާމް ގައި ބައިވެރިވާ ފަރާތްތަކުން ބޭނުންވާ ވިޔަފާރީގެ ޚިޔާލުތައް ހުށަހެޅުމަށްފަހު އެޚިޔާލުތަކުގެ ތެރެއިން އެންމެ ކަމުދާ ހުށަހެޅުންތައް ހޮވާލެވޭނެއެވެ. އަދި އެހޮވާލެވޭ ހުށަހެޅުންތަކަށް ޓީމް ބަހާލެވި އެޚިޔާލުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ވިޔަފާރީގެ މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދިނުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެ އެވެ

 

މީގެ އިތުރުން މި ހަރަކާތުގެ ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ވިޔަފާރީގެ ކޯޗުންނާއި ދިރާގާއި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންގެ އިރުޝާދު ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

އައްޑޫގައި ބާއްވާ ޓެކް ސްޓާސް ސްޓާޓްއަޕް ވީކެންޑް ގައި ބައިވެރިވާން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކަށް ފިތާލުމުން އެޕްލިކޭޝަން ފޯމް ފެނިވަޑައިގަންނަވާނެއެވެ.

https://www.swmaldives.mv/?fbclid=IwAR16X0bHE7W2lbkyW8fggnBHeinzEDlyffP2vpePPUpYwY-NjXuNJJECR2E

 

ރާއްޖޭގައި ބޭއްވި ސްޓާޓްއަޕްގެ ފުރަތަމަ ޕްރޮގްރާއޮތީ މިދިޔައަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ. އެފަހަރުގެ ޕްރޮގްރާމްގައި 127 ބައިވެރިންނާއެކު 27 ޓީމް ވާދަކޮށްފައިވެއެވެ. އެފަހަރު އެއްވަނައަށް ދިޔައީ މަސްވެރިންނާއި މަސް ގަންނަން ބޭނުންވާ މީހުން އެއް ޕްލެޓްފޯމަކަށް ގެނެސްދިނުމަށް ތައްޔާރު ކުރެވުނު ފިޝް ބިޑް ވެބްސައިޓް ހުށަހެޅި ޓީމެވެ. ދިރާގާއި ސްޕާކް ހަބުން އަންނަނީ ރާއްޖޭގެ ޒުވާނުންނަށް އަމިއްލަ ވިޔަފާރިތައް ފެށުމަށް އެހީވުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.