English Edition
Dhivehi Edition

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީން ) ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންގެންދާ ބޮޑެތި މަޝްރޫއުތައް މިއަހަރުގެ ނިޔަލަށް ނިންމަން މަސައްކަތްކުރަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެމްއާރްޑީސީން މިހާރު ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ފުޓްސަލް ދަނޑުތަކާއި ގދ.ތިނަދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތްވެސް ހިމެނެއެވެ.

އެމްއާރްޑީސީން ކުރިއަށްގެންދާ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫގެ ފޭސް ދޭކާއި، ގދ.ތިނަދޫ، ގއ. ވިލިނގި، ދ.ކުޑަހުވަދޫ ތ.ވިލުފުށި މިރަށްރަށުގެ މަގުތައް ތަރައްޤީކޮށް ހެދުމުގެ މަސައްކަތްތައް ވަނީ މިއަހަރުގެ ތެރޭގައި ނިންމާފައެވެ. އަދި މިހާރު ފަށައިގެން ކުރިއަށް ގެންދާ ހއ. ދިއްދު އާއި ކ.ދިއްފުށީގެ މަގުހެދުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، ދިއްދޫގެ މަގުތަކުގައި ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާފައެވެ. އަދި ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގަައި ފަށާނެކަމަށް އެމްއާރްޑީސީން ބުނެއެވެ.

ރ.އުގޫފާރާއި ރ.މީދޫ އާއި އދ.މަހިބަދޫގެ އިތުރުން ލ. ފޮނަދޫގައި ވެސް މަގުހެދުމުގެ ބޮޑެތި މަޝްރޫއުތައް ގެންދަނީ ހިންގަމުންނެވެ.

އެމްއާރްޑީސީން ރަށްރަށުގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންދާއިރު ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީ ހުޅުމީދޫގެ ވެލިމަގުތައް ރަނގަޅުފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

މަގުތައް ހެދުމުގެ އިތުރުން އެމްއާރްޑީސީންދަނީ 67 ރަށެއްގައި ފުޓްސަލް ދަނޑުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 67 ރަށުގެ ތެރެއިން 35 ރަށެއްގެ ސިވިލް މަސައްކަތް މިހާރުވަނީ ނިމިފައިވާއިރު 18 ރަށެއްގެ ސިވިލް މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މީގެތެރެއިން 12 ރަށުގެ ސިވިލް މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްއާރުޑީސީން ބުނެއެވެ.