English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު - ފޮޓޯ: މަޖިލިސް

ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމާއި އާރާއި ބާރު ލިބުމުން ރައްޔިތުންނަށް ހެދީ ހުސް ދޮގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއް ލަތީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު މިނިވަން ކުރުމަށް ޕެޓިޝަންގައިވެސް ސޮއިކުރެއްވި ކަމަށާއި، މަޖިލީހުގައިވެސް އެކަމަށް ވަކާލާތުވެސް ކުރެއްވި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އެމްޑީޕީ ވެރިކަމަށް ގެންނަން ކެމްޕެއިންވެސް ކުރެއްވި ކަމަށް ލަތީފް ވިދާޅުވި އެވެ.

އެހެންނަމަވެސް، ވެރިކަމާއި އާރާއި ބާރު ލިބުމުން 12 މެންބަރުންނަށްވެސް އަދި ރައްޔިތުންނަށްވެސް ހެދީ ހުސް ދޮގު ކަމަށް ލަތީފް ވިދާޅުވި އެވެ.

“ލޮލުކޮޅުންވެސް ދުވަހަކުވެސް ބަލާނުލާނަމެވެ”، ލަތީފް ވިދާޅުވެފައި ވެއެވެ.

ލަތީފް އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރާއި ދެކޮޅަށް ނިކުމެ ވަޑައިގެން އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މަސައްކަތާއި ގުޅިވަޑައިގަތުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ނަމަވެސް ލަތީފް ވަނީ މިހާރު އިދިކޮޅުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފަ އެވެ. އަދި ލަތީފް ގެންދަވަނީ ރައީސް ޔާމީންގެ ދިފާޢުގައި ވާހަކަވެސް ދައްކަވަމުންނެވެ.

ލަތީފް މިހެން ވިދާޅުވިއިރު، އެމްޑީޕީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެ ޕާޓީގެ ކެމްޕެއިން ރޭ ރަސްމީކޮށް ލޯންޗްކޮށްފަ އެވެ.