English Edition
Dhivehi Edition
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފު، ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ޚާއްސަކޮށް އިމާރާތްކުރި ތަން ހުޅުއްވައިދެއްވަނީ - ފޮޓޯ: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލެ ޖަލާއި މާލެ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދެވޭނެގޮތް ހަމަޖައްސައިފިއެވެ.

ކަރެކްޝަންސް އިން ބުނީ އެކަހެރި ބައްދަލުވުން ދެވޭނީ ޝަރުޢީ ކައިވެންޏެއް ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ޚާއްސަކޮށް އިމާރާތްކުރެވުނު ތަން އިއްޔެ ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އެވެ.

އެތަނުގެ ބޭނުމަކީ ހުޅުމާލެ ޖަލުގައި އަދި މާލެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭންޖެހޭ ޤައިދީންނަށް އެ ފުރުސަތު ދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމުގައި ކަރެކްޝަންސް އިން ބުނެއެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ އެކަހެރި ބައްދަލުވުން ދިނުމުގައި ޢަމަލުކުރެވޭނީ އެ ސަރވިސްގެ ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ޢިނާޔާތްތަކާބެހޭ ޤަވާއިދާއި އެ ޤަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށާއި، އެގޮތުން އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު ދެ ފަހަރު، ކޮންމެ ފަހަރަކު 24 ގަޑިއިރަށް ކަމަށެވެ.

އެކަހެރި ބައްދަލުވުމަށް އެދި ފޯމް ހުށަހަޅާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ފެށިގެން މެންދުރު 2:30 އާ ދެމެދު މާލޭ ޖަލުގެ ރިސެޕްޝަނަށް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.