English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ އިސްތިއުފާ ދެއްވައިފި އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނަވަނީ މުހައްމަދު ޝަރީފް އެވެ. އެ ބޭންކުން ބުނީ ޑެޕިއުޓީ ސީއީއޯގެ މަގާމުން މުހައްމަދު ޝަރީފް އިސްތިއުފާ ދެއްވާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޝަރީފް މިއަދު އިސްތިއުފާ ދެއްވިއިރު އޭނާ އަކީ ބީއެމްއެލްއަށް 25 އަހަރަށްވުރެން ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ގިނަ އަހަރުތަކެއް ބީއެމްއެލްގައި ހޭދަކުރެއްވިއިރު ޝަރީފް ވަނީ އެ ބޭންކުގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ހެޑް އޮފް ކާޑް ސެންޓާ އާއި އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަގާމާއި ރީޓެއިލް ބޭންކިން ޑައިރެކްޓަރުގެ މަގާމު ހިމެނެއެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތުގެ މައްސަލަ އެމްއެމްޕީއާރްސީގެ މައްސަލަ އާއި ގުޅިގެން ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި މި ކޮމިޓީގައި ޝަރީފް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ވަނީ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ޝަރީފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސްވެސް ދެއްވާފައި އެވެ.