English Edition
Dhivehi Edition
ވީއައިއޭގައި ފުރަން ގޮސް ތިބި ފަތުރުވެރިންތަކެއް - ފޮޓޯ: މިހާރު

މި އަހަރުގެ ޖަނަވަރީ މަހު އެކަނިވެސް ރާއްޖެއަށް 1،77،140 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން މި ތަފާސް ހިސާބުތައް ހާމަކޮށްފައި ވަނީ މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތާއި، އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މި އަހަރުގެ ޖަނަވަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅައި ބަލާއިރު ވަނީ 14.3 އިންސައްތަ އިތުރުވެފައެވެ. މި އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ވައިގެ މަގުން ޒިޔާރަތް ކޮށްފައި ވަނީ 1،03،347 ފަތުރުވެރިންނެވެ. ކަނޑުމަގުން ރާއްޖެއަށް 3،793 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 1،54،969 އެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ވަކިވަކި މާރކެޓުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ 5 މާކެޓަކީ، ޗައިނާ(%18.3)، އިޓަލީވިލާތް (%12)، އިންޑިޔާ (%8)، ރަޝިޔާ (%7.2)، އަދި އިނގިރޭސިވިލާތް (%6.2) އެވެ. މީގެ އިތުރުން މި އަހަރުގެ ޖަނަވަރީ މަހު ސައުދީ އަރަބިއްޔާ އިންނާއި ސުވިޒިލޭންޑުގެ މާރކެޓުން ފާހަގަ ކޮށްލެވޭ ކުރިއެރުމެއް އައިސްފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސައުދި އަރަބިއްޔާ އަދި ސުވިޒިލޭންޑުގެ މާރކެޓަށް ބަލާއިރު މިދެ މާރކެޓް ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 މާރކެޓްގެ ތެރޭގައި ހިމެނިފައެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ 51،958 އެނދުގެ ތެރެއިން 50،500 އޮޕަރޭޓު ކުރެވިފައިވާއިރު، މި މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ބެޑްނައިޓްސްގެ ޢަދަދު ވަނީ 9.9% އަށް އިތުރުވެފައެވެ. މި އަހަރުގެ ޖަނަވަރީ މަހު އަންދާޒާކުރެވޭ ޖުމްލަ ބެޑްސްނައިޓް އަކީ 1،097،148 އެވެ. އަދި އެނދު ބޭނުންކޮށްފައިވާ ނިސްބަތް 70.1% އަށް އަރާފައިވާއިރު ޖަނަވަރީ މަހު އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.3 ހޭދަކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.