English Edition
Dhivehi Edition
ކުރެދޫ އައިލެންޑް ރިސޯޓު - ފޮޓޯ: ކުރެދޫ

ޅ. މާބިންހުރާގައި އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ ހުއްދަ ނެތި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާތީ, ހަތަރު ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ކުރެދޫ ހޯލްޑިންގސް ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުރެދޫ ހޯލްޑިންގސްގެ ފަރާތުން ކުރިއަށްގެންދާ ޅ.މާބިންހުރާގައި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެއް މަސައްކަތްތައް ހެދިފައިވާ ތިމާވެށީގެ ޤަވާއިދުތަކުގެ ދަށުން ހުއްދަ ހޯދުމަކައިނުލައިކޮށްފައިވާތީ، ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ޖުމްލަ 466,250 (ހަތަރު ލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިން ކުރެދޫ ހޯލްޑިންގސް މިދިޔަ އަންގާރަ ދުވަހު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި އެ ޖޫރިމަނާއަށްވީ ފައިސާގެ ޖުމްލަ އަދަދު 12 ފެބްރުއަރީ 2020 ގައި ކުރެދޫ ހޯލްޑިންގސް އިން ދާއްކާފައިވާ ކަމަށްވެސް އީޕީއޭ އިން ބުނެއެވެ.

ކުރެދޫ ހޯލްޑިންގސް އިން ދަނީ މިހާރުވެސް ޅ. ކުރެދޫގައި، ‘ކުރެދޫ އައިލެންޑް ރިސޯޓު’ގެ ނަމުގައި ރިސޯޓެއް ހިންގަމުންނެވެ.

އީޕީއޭއިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް އީއައިއޭ އާއި ޚިލާފަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެޕްރޫވްކުރައްވާފައިވާ ކޮންސެޕްޓާއި ޚިލާފަށް ބައެއް މަސައްކަތްތައް ކޮށްފައިވާތީ ޖުމްލަ 313,250ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެ ރިސޯޓަށް އަންގައިފަ އެވެ.