English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް އުދައަރާނެ ކަަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން އިލްތިމާސްކޮށްފި އެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ. ވައި ޖެހޭނެ ގޮތަށް ބަލާއިރު އިރުއުތުރާއި އިރުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާއިރު އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެ އެވެ.

އެ އިދާރާއިން އިތުރަށް ބުނީ އުތުރާއި މެދުތެރޭގެ އަދި ދެކުނުގެ ކަނޑުތައް ވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދަށް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.