މިއަދު ބާއްވަން ހަމަޖެހިފައިވާ އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯނު ފަހެއްގެ ފައިނަލް މެޗު ކެންސަލްކޮށްފިއެވެ.
މި މެޗު ކެންސަލްކޮށްފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަނާއި މި ޒޯންގެ މެޗުތައް ކުޅެމުންދާ ސޮނެވާ އާއި ދެމެދު ޖެހުނު މައްސަލަ ތަކެއްގެ ސަބަބުންނެވެ.ވޮލީބޯޅާ އެސޯސިއޭޝަނުން ބުނީ ފައިނަލް މެޗު ކެންސަލް ކުރިކަން ދެ ރިސޯޓަށް ވެސް އަންގާފައިވާ ކަމަށެވެ.
ސޮނެވާއަށް އެސޯސިއޭޝަންގެ ވަފްދު ދިޔުމުގައި ޖެހުނު މައްސަލަ ތަކެއްގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލުނުވެ ފައިނަލް މެޗު ކެންސަލްކޮށްފައިވާއިރު މެޗު ކުޅޭނެ ވަކި ތާރީހެއް އަދި ކަޑައަޅާފައިނުވާކަމަށް އެސޯސިއޭޝަނުންވަނީ ބުނެފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ގައި ޝެރަޓަން އާއި ކޮއްދިޕަރު ބައްދަލު ކުރި މެޗުވެސް ނިމިފައިވަނީ ގިނަ ހަމަނުޖެހުންތަކަކަށްފަހުގައެވެ.މި މެޗުގައި ރެފްރީންގެ ބައެއް ނިންމުންތަކާއި މެދު ޝެރަޓަންޓީމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އެސޯސިއޭޝަންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިއަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރަތުގައި 21 ރިސޯޓުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހާއެކު، ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކޮންމެ ރިސޯޓެއްގެވެސް ޓީމު ލިސްޓުގައި ޖެހޭނީ ދެ ކުޅުންތެރިންނެވެ.