English Edition
Dhivehi Edition
މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ - ފޮޓޯ: ގޫގުލް މެޕްސް (ޙުސައިން ޢާޒިމް)

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ ޖެނުއަރީ މަހު ދައުލަތަށް 1.81 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން ޖެނުއަރީ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 64.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.

މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 14.7% ދަށް އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ 7.4% އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ ދަށްވެފައި ވަނީ ޖުމްލަކޮށް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ދަށްވުމާއި، މިދިޔަ އަހަރުގެ ޖަނަވަރީގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާއަށްވުމުން ކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން މިދިޔަ މަހަށް އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވެފައި ވަނީ ޑިސެމްބަރު 2018 އާއި އަޅާބަލާއިރު 2019 ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދު ގިނަވުމުން، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުންނެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ހަމަވެފައިވާ މުއްދަތުގެ ފައިސާވެސް މިދިޔަ ޖެނުއަރީ މަހު ލިބިފައިވުމަކީވެސް އާމްދަނީ އިތުރުވި އެއް ސަބަބެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 44.5% ނުވަތަ 807.13 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ބީޕީޓީންނެވެ. އެއީ 35.6% ނުވަތަ 645.04 މިލިއަން ފުފިޔާ އެވެ.

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 84.93 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 ރުފިޔާ ލިބިފައިވާއިރު، މިދިޔަ މަހު އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައި ވަނީ 68.68 މިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 138.13 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 1.56 ބިލިއަން ރުފިޔާ އެވެ.