ކުޑަކުދިންގެ ހިޔާގައި ތިބި ދެ ކުއްޖަކު ކ. ހިންމަފުށީގައި ޤާއިމްކޮށްފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ގެންދިޔައީ އިންޓަރންޝިޕެއް ފުރިހަމަކުރުމަށް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑަރ މިނިސްޓްރީން މިހެން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ދެ ކުއްޖަކު ކ.ހިންމަފުށި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ގެންދިޔަކަމަށް ބުނެ ބައެއް ފަރާތްތަކުން ޙިއްޞާކުރަމުންދާ ޚަބަރާ ގުޅޭ ގޮތުން ކުރި ޓްވީޓްތަކެއްގަ އެވެ.
އެގޮތުން ޖެންޑަރ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ 16 އަހަރުން މަތީގެ ކުދިން ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުމުގެ ގޮތުން އެކި އިދާރާތަކާއި އަދި ކުންފުނިތަކުގައި އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުޞަތު ދެވޭ ކަމަށެވެ. އަދި އެ އުސޫލުން ދެ ކުދިން މި މަހުގެ 04 އިން 07 އަށް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އިދާރީ ބައިގައި އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުޞަތު ދެވިފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.
އޮންލައިން ނޫސް “ސީއެންއެމް” އިން މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހަށް، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ލަފައަކާ ނުލައި ކުޑަކުދިންގެ ހިޔާގެ ދެ ކުއްޖަކު ހިންމަފުށީ ރީހެބަށް ގެންދިޔަ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީންގެ އޮފިޝަލަކު ބުނެފައިވާ ކަމަށެވެ.
އަދި ރީހެބަށް ފޮނުވޭނީ ހެދޭ އެސެސްމެންޓް އަކަށް ފަހު ކަމަށާއި، އެހެންނަމަވެސް އެ ކުދިންގެ އެސެސްމެންޓެއް ވެސް ހަދާފައި ނުވާ ކަމަށްވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރިހެބް އަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ތަނަކަށް ވާއިރު އެތަނަކީ ކުޑަކުދިން ބެހެއްޓުމަށް ރައްކާތެރި މާހައުލެއް ނޫން ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލައާއި ގުޅިގެން އެންޑީއޭގެ ސީއީއޯ ޙަސަން ޝަޙީލު “ސީއެންއެމް” އަށް ވިދާޅުވީ އެ ދެ ކުދިން ރިހިބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އެންގެވުމަށް ކަމަށެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ޖެންޑަރ މިނިސްޓަރުގެ އިހުމާލުވާ ކަމަށް ބުނެ މިނިސްޓަރުގެ އިސްތިއުފާ އަށް ގިނަ ބަޔަކު ގޮވަމުންދަނިކޮށް، އެ މަޤާމުން ޝިދާތާ ވަނީ އިސްތިއުފާދެއްވައިފަ އެވެ. މިމަހުގެ ހަތްވަނަ ދުވަހު ޝިދާތާ އިސްތިއުފާ ދެއްވުމާއި ގުޅިގެން، އާ ޖެންޑަރ މިނިސްޓަރަކަށް ޢާއިޝަތު މުޙައްމަދު ދީދީ ވަނީ އާދިއްތަ ދުވަހު އައްޔަންކުރައްވައިފަ އެވެ.