English Edition
Dhivehi Edition
މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ "އައި ކޭމްޕް"ގެ ތެރެއިން - ފޮޓޯ: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް މިދިޔަ ޖެނުއަރީ މަހު ބޭއްވި ދެ “އައި ކޭމްޕް” މެދުވެރިކޮށް 88 ގައިދީންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ.

ކަރެކްޝަންސް އިން ބުނީ އެ “އައި ކޭމްޕް” ރާވާ ކުރިއަށްގެންގޮސްފައިވަނީ ގައިދީންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ކުރިއަށްވުރެ ހަރުދަނާގޮތުގައި ފޯރުކޮށްދިނުމަށް އެ ސަރވިސް އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި ޖަލުގައި ލޮލުގެ ފަރުވާއަށް ގިނަ އަދަދެއްގެ ގައިދީން އެދިފައިވުމުން، ގިނަ އަދަދެއްގެ ގައިދީންތަކެއް މާލެ ގެނައުމުގެ ބަދަލުގައި މާފުށީ ޖަލުގައި މިފަދަ ކޭމްޕެއް ހިންގުމަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ އަދި ގިނަ އަދަދެއްގެ ގައިދީންނަށް އަވަސް ފުރުސަތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ގޮތެއް ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

އައިކެއަރ އާ ގުޅިގެން 24 އަދި 31 ޖެނުއަރީ 2020ގައި ބޭއްވި އެ ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ވަނީ ދެނެގަނެފައެވެ. އެގޮތުން އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންމަބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ދެނެގަނެފައިވާއިރު، ޖުމްލަ 69 ގައިދީންނަށް ވަނީ އައިނު ލިބޭނެ އިންތިޒާމް ހަމަޖެއްސިފައި ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނީ ކުރިއަށްއޮތް ތާނގައި ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން އެފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.