English Edition
Dhivehi Edition
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލާގެ ފަރާތުން ފޯރުކޮށްދޭން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލި އުޞޫލަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެ ފަރާތްތަކަށް އަންނައުނު ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ކަރެކްޝަންސް އިން ބުނީ ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު ޢާއިލާގެ ފަރާތުން ފޯރުކޮށްދިނުމުގެ އުޞޫލަށް މިއަދު އަމަލުކުރަން ފަށައި، މި ސަރވިސްްގެ ވެބްސައިޓްގައި އެ އުޞޫލު ވަނީ ޝާއިޢުކޮށްފައިވާ ކަމަށެވެ. އަދި އެ އުޞޫލައަށް އަމަލުކުރަން ފެށުމާއިގުޅިގެން އަންނައުނު ފޮނުވުން މެދުކަނޑާލި ޚާއްސަ އުޞޫލު ކަމަށްވާ “ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު ހޯދުން” ބާޠިލްކޮށްފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އެ ބަދަލަކީ “ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019” ގައިވެސް މި ސަރވިސްއަށް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަން ފާހަގަކުރަމެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ އެ ސަރވިސް އިން 15 އޮކްޓޯބަރ 2017 އިން ފެށިގެން އަންނައުނު ފޮނުވުން މެދުކަނޑާލާފައިވަނީ ގައިދީންނަށް އަންނައުނު މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި އަލަށް އެކުލަވާލެވުނު އުޞޫލުގައިވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މައްސަކަތްކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ، ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓްކޮށް، އެ ފަރާތްތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ބަޔާންކުރެވިފައިވާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

ބަދަލު ގެނެވުނު މި އުޞޫލުގައި ޢާއިލާގެ ފަރާތުން ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންނަށް އަންނައުނު ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ އުޞޫލުތަކުގެ ތަފްޞީލް ބަޔާންކުރެވިފައިވާނެއެވެ. އެ އުޞޫލު https://corrections.gov.mv/aanmu-usoolu އިން ލިބޭނެއެވެ.

ކަރެކްޝަންސް އިން ބުނީ ޢާއިލާއިން ގެންނަ އަންނައުނު ބަލައިގަންނާނީ މާލެ ޖަލުގެ ރިސެޕްޝަނުން ކޮންމެ ހޮނިހިރު ދުވަހެއްގެ 09:00 އިން 14:00 އަށް ކަމަށެވެ.