English Edition
Dhivehi Edition
ރައީސް ޞާލިޙް، ޢާއިޝަތު މުޙައްމަދު ދީދީ އަށް ވަޒީރުކަމުގެ ފަތްކޮޅު އަރުވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް ހެންވޭރު ދޫރިހާ ޢާއިޝަތު މުޙައްމަދު ދީދީ (އައިޝާ) މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އައިޝާ އެ މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޢާއިޝަތު މުޙައްމަދުދީދީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ. ޢާއިޝަތު މުޙައްމަދުދީދީއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ހުސްނުއްސުޢޫދެވެ.

އައިޝާ ޖެންޑަރ މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

އެކަމަނާ ވަނީ 2005 އިން 2008 އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމު ފުރުއްވާފައެވެ. އަދި އިޖްތިމާޢީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ތަޢުލީމާއި، ކުޑަކުދިން އަދި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑަރ އީކުއަލިޓީ ކައުންސިލްގެ ޗެއަރޕަރސަންކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑަރ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ކައުންސިލް ފޮރ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއަރޕަރސަންކަމާއި، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

ޢާއިޝަތު މުޙައްމަދުދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓަރ އޮފް އަރޓްސް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެކަމަނާ ވަނީ ލުބުނާނުން ބެޗެލަރ އޮފް އަރޓްސް އާއި ޑިޕްލޮމާއިން ޓީޗިންގެ ވެސް ޙާޞިލުކުރައްވާފައެވެ.