English Edition
Dhivehi Edition
އީޔޫ އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދަތުރުފަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްޞަކޮށް ވިސާގެ ޚިދުމަތް ދެވޭނެ ފަސޭހަގޮތްތަކެއް ހޯދައިދިނުމާއި ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ ސައުތް އޭޝިއާ އެންޑް ޕެސިފިކް، މިސް ޕައޯލާ ޕަމްޕަލޯނީ އާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ “ވީ.އެފް.އެސް ގްލޯބަލް” އާ ގުޅިގެން ދިވެހިންނަށް ފަސޭހައިން ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާ އީޔޫގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރައްވާ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ރާއްޖެއާ އީޔޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާތަކުގެމައްޗަށް ވެސް އެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްވެރިކަން ފުޅާކުރުމަށް މަސް އެކްޕޯޓު ކުރުމާއި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށްނަގާ ޓެކްހާ ގުޅޭކަންކަން އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުން ޝަޢުގުވެރިކަންފާޅުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސް ޕައޯލާ ޕަމްޕަލޯނީއަށާއި އެކަމަނާ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ އެބޭފުޅުން ދެއްވާ އެހީތެރިކަމާއި، ރާއްޖެއާ މެދު ބަހައްޓަވާ ގާތްގުޅުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ދައުރުގައި ރާއްޖެއާއި އީޔޫ އާދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެ ބައްދަލުކޮށްލެއްވުމުގައި މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ ފާއިތުވި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހިންގެވުމުގެ ދަށުން ރާއްޖެއަށް ހާސިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި މި ކާމިޔާބީއަށް ހިތްވަރުދެއްވާ މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ އީޔޫއިން ރާއްޖެއާއެކު ހިޔާލުއެއްގޮތްވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުންވެސް ވަނީ އިތުރަށް ގުޅުން ބަދަހިކުރެވެންހުރި ދާއިރާތަކާ ބެހޭގޮތުންނާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެ ބައްދަލުކޮށްލެއްވުން ނިންމަވާލައްވާފައިވަނީ ރާއްޖެއާއި އީޔޫގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދެފަރާތުގެ ޝަޢުގްވެރިކަން ފާޅުކުރައްވަމުންނެވެ.