English Edition
Dhivehi Edition
އެމްއެންޑީއެފް ކޯސްޓްގާޑެއް - ފޮޓޯ: އެމްއެންޑީއެފް

މަސްވެރިކަން ކުރަން އުޅުނު “މީރާ” ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނަން ފޭބި މީހަކު ޑިކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ދިވެއްސަކު ޑިކޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:20 ހާއިރު ކަމަށެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ، 20 މިނެޓް ވާންދެން 50 މީޓަރުގައި މިއަދު ޑައިވްކޮށްފައި ކަމަށާއި، އެ ހާދިސާ ހިނގި އިރު، އެ ދޯނި އޮތީ ގދ. ގައްދޫއާ 13 މޭލު ބޭރުގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީޢެފް އިން ބުނީ އެ މަޢުލޫމާތު ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާ އެކު، ގދ.ގައްދޫ ބަނދަރުގައި އޮތް ސީއެމްބިޔުލާންސް ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައި ކަމަށެވެ. އަދި، އެ ދޯނީގައި އޮތް ބަލި މީހާ ނަގައިގެން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ޑީކޯވުން ރާއްޖޭގައި މިހާރު އާންމުވެފައިވާއިރު ދެކުނުގެ އަތޮޅުތަކުގައި މިފަދަ ހާދިސާތައް ވަނީ އިތުރުވެފައެވެ. ވައި ފުޅީގައި ޑައިވްކުރުމުގެ ތަމްރީނު ނެތި އެން ހިފުމަށާއި ފާނަ ހިފަން ފީނާ ބައެއް މަސްވެރިން މަރުވެ، އަނެއް ބަޔަކު ޕެރަލައިޒް ވުން ފަދަ ހާލަތާ ކުރިމަތިލާން ޖެހިފައިވާއިރު މިދިޔަ އަހަރު ނޮވެމްބަރު މަހު ހުވަދު އަތޮޅުގައި ޑައިވް ކުރި މީހެއް ޑީކޯވެ ހަށިގަނޑުގެ އެއްފަޅި ވަނީ ވާގިނެތިފައެވެ. ފީނައިގެންނާއި ޑައިވްކޮށްގެން ދިމާވާ ހާދިސާތަކުގައި ޑީކޯވެ ފަރުވާ ނުލިބި ޕެރެލައިޒްވާން ދިމާވާ މައްސަލައަށް ފަރުވާދޭނެ ޗެންބަރުތައް ގާއިމްކޮށް އެކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލާ މަޖިލީހަށް މިދިޔަ ނޮވެމްބަރު މަސްތެރޭ ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.

1 ކޮމެންޓް
މޯޑު
ފެބުރުއަރީ 9, 2020
ޑީކޯއެއްނުވޭ