ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭ ފަދަ ވީޑީއޯ އާއި ފޮޓޯ ނުވަތަ މަޢުލޫމާތު އާންމު ނުކުރުމަށް ޖެންޑަރ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާކޮށްފި އެވެ.
ޖެންޑަރ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މަޢުލޫމާތު ޢާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީގެ 1412އަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މަޢުލޫމާތު ޢާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީގެ 1412އަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަން.
— Ministry of Gender, Family and Social Services (@MoGFSSmv) February 8, 2020
މީގެ އިތުރުން ފުލުހުންގެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުޑަކުދިންގެ ނޭދެވޭ ނުރަނގަޅު ޢަމަލުތައް ރެކޯޑްކޮށް މީސްމީޑިއާގައި ދައުރު ނުކުރުމަށް އާންމުންގެ ކިބައިން އެދޭ ކަމަށެވެ. އަދި އެފަދަ މައްސަލަައް މީސްމީޑިއާގައި ހިއްސާކުރުމުގެ ބަދަލުގައި ފުލުހުންނަށް ރިޕޯޓްކުރުމަށާއި، އެފަދަ ވީޑިއޯތައް ފެތުރުމަކީ ކުޑަކުދިންނަށް ގެއްލުން ލިބޭ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
We request the public not to record and circulate videos of children involved in inappropriate behavior on social media.We urge the public to report such things to police rather than share it on social media. Circulating such videos has a detrimental effect on children involved
— Maldives Police (@PoliceMv) February 8, 2020
ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ފަހަކައަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ކުޑަކުދިންނާއި ސުވާލުކޮށް، އެކުދިންގެ ވީޑިއޯ އާއި އޯޑިއޯ އަދި ފޮޓޯތައްވެސް ބައެއް މީހުން މީސްމީޑިއާގައި އާންމު ކުރެއެވެ.
އެގޮތުން އުމުރުން ވަރަށް ހަނގު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގެއެއްގެ ބެލްކަނީގައި ތިބެ ނުރަނގަޅު ޢަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީސްމީޑިއާގައި ވަނީ އާންމުވެފަ އެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދެވަނަ ބާބުގެ 33 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން
އަންނަ މަޢުލޫމާތު ޢާންމު ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އެ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ވާ ގޮތުން ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެ އެވެ.