English Edition
Dhivehi Edition
ގެވެށި އަނިޔާއާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: އެމްއެޗްއެލްނިއުސް

ރާއްޖޭގެ އުތުރުގެ ރަށެއްގައި އަނބިމީހާއަށް އަނިޔާކޮށްގެން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އަންހެނަކާމެދު އޭނާގެ ފިރިމީހާ މާރާމާރީއެއް ހިންގިކަމުގެ މަޢުލޫމާތު ރޭ 10:34 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެ އަންހެން މީހާއަށް ފަރުވާ ދިނުމަށްޓަކައި އެ ރަށު ޞިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން ރަށުގެ ބައެއް ރައްޔިތުން ޞިއްޙީ މަރުކަޒު ދޮށަށް އެއްވި ކަމަށެވެ. އަދި ޞިއްޙީ މަރުކަޒު ދޮށަށް އެއްވި މީހުންނާއި ފުލުހުން ވާހަކަދެއްކުމަށްފަހު ފޮނުވާލި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ އަންހެން މީހާގެ ހާލު ސީރިއަސް ނޫން ނަމަވެސް، އޭނާއަށް ލިިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ޞިއްޙީ މަރުކަޒުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ އަކީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.