English Edition
Dhivehi Edition

މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް 125 އަހަރު ފުރުން ފާހަގަ ކުރުމަށް ސަދަން އޭރިއާއިން އިންތިޒާމްކޮށްގެން މިއަދު ހަވީރު ބޭއްވި ދުވުމުގެ ހުރިހާ ވަނަތަކެއް ހިތަދޫގެ ދުވުންތެރިން ހޯދައިފިއެވެ. އަންހެން ބައިން އެއްވަނަ ހޯދީ ހިތަދޫ، ޓޫސްޓަރ، ނަސާއިމް ނަސީމެވެ. ދެވަނަ ހޯދީ ހިތަދޫ، ސެފްރޯން، އާއިޝަތު ނާޝިޔާއެވެ. ތިންވަނަ ހޯދީ، ހިތަދޫ، ހަންހާރުގޭ، އާއިޝަތު ހިމްނާއެވެ. ފިރިހެން ބައިން އެއްވަނަ ހޯދީ ހިތަދޫ، ގާދޫގޭ، މުހައްމަދު އަޝްވާގެވެ. ދެވަނަ ހޯދީ، ހިތަދޫ، ޖިބްރޯލްޓާ، މުހާޖިރު ޒިޔާދު މުހައްމަދެވެ. ތިންވަނަ ހޯދީ، މަރަދޫ، ލަންސިމޫގޭ، މުހައްމަދު އިރުފާނެވެ.

ވަނަތައް ހޯދި ދުވުންތެރިންނަށް އިނާމް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަންއޭރިއާގެ ޑެޕިޔުޓީ ކޮމާންޑަރ އަބްދުﷲ އިބްރާހީމެވެ. މިދުވުމުގައި ފަސްކިލޯ މީޓަރަށް ދުވެފައިވެއެވެ. ދުވުން ފަށައިފައިވަނީ މަރަދޫ ފުޓުބޯޅަ ސްޓޭޑިއަމުންނެވެ. އެތަނުން ފަށައިގެން މަރަދޫކޮޅުން ގޮސް ލިންކުރޯޑަށް އަޅައި، ދުވުން ނިންމާލީ ފޭދޫ ފުޓުބޯޅަ ދަނޑު ކައިރިއަށެވެ. މި ދުވުމުގައި ޖުމްލަ 240 މީހުން ބައިވެރިވެފައިވެއެވެ. ދުވުމަށްފަހު އެހަރަކާތް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުންވަނީ ދެއްވައިފައެވެ. ހަނދާނީ ލިޔުން ދެއްވައިފައިވަނީ ދިވެހި ރެޑުކްރެސެންޓަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށާއި، ފޭދޫ ހެލްތު ސެންޓަރަށާއި، މަރަދޫ ހެލްތު ސެންޓަރަށެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޙެޕީމާކެޓެވެ.