English Edition
Dhivehi Edition
ކ. މާފުށީގެ މަންޒަރެއް - ފޮޓޯ: ބުކިންގޑޮޓްކޮމް

އިއްޔެ ހަވީރު ކ. މާފުށީގައި ނިވާކަން ކުޑަކޮށް ހުރި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަމުން އަންނަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ޓީމުން ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެ މައްސަލަ ބަލާ ނިންމާ، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދަށް ރިޕޯޓްކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާފުށީ މަގުމަތީގައި މަސްތުގެ ޙާލަތުގައި ނިވާކަން ކުޑަކޮށް ހުރި އަންހެނަކު އުޅެމުންދާކަމުގެ ޝަކުވާ އިއްޔެ ހަވީރު 05:48 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި “ބިކިނީ” ލައިގެން އުޅުމަކީ ޤަވާއިދާއި ޚިލާފު މަނާ ކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާ އަށް ވިސްނައިދިނުމަށް ތިން ފުލުހަކު މަސައްކަތް ކުރިނަމަވެސް، އޭނާ ޤަވާއިދަށް ބޯލަނބަން ދެކޮޅު ހަދައި ނުކިޔަމަންތެރިކަން ދައްކާފައިވާ ކަމަށާއި، އެއަށްފަހު އޭނާ ހައްޔަރުކުރުމަށްފަހު މާފުށި ޕޮލިސް ސްޓޭޝަނަށް ގެންދެވުނު ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް އެއްވެސް ދައުވާއެއް ނުއުފުލައި އޭނާ ވަނީ ރޭ 07:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ފުލުހުން ޢަމަލުކުރި ގޮތާމެދު އެ ފަތުރުވެރިޔާ އާއި އާންމުންގެ ކިބައިން މަޢާފަށް އެދޭ ކަމަށާއި، އެފަދަ މައްސަލައެއް ކުރިއަށް އޮތް ތަނުގައި ދިމާނުވާނެކަން ޔަޤީންކުރުމަށް ފުރިހަމަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ. އަދި ތަޙުޤީޤުން އެއްވެސް ނޭދެވޭ ކަމެއް ފާހަގަވާނަމަ، އެކަށީގެންވާ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކުރާއިރު މުޖުތަމަޢުގެ ހަމަތަކާއި އުސޫލްތަކަށް އިޙްތިރާމްކުރުމަށް ފަތުރުވެރިންގެ ކިބައިން އެދޭ ކަމަށްވެސް އެ ބަޔާނުގައި ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން މިހެން ބުނިއިރު، މާފުށީ މަގުމަތީގައި “ބިކިނީ”އެއް ލައިގެން އަންހެން ފަތުރުވެރިއަކު އުޅެނިކޮށް، ފުލުހުންނާއި އާންމުން އޭނާ ހުއްޓުވަން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ފުލުހުންނާއި ޢާއްމުންވެގެން ނިވާކަން ކުޑަކޮށް ހުރި އެ ފަތުރުވެރިއާ ގަދަކަމުން ހައްޔަރުކުރަން އުޅޭ މަންޒަރެވެ. އަދި އެ ވަގުތު އެ ސަރަޙައްދުގައި އާންމުންގެ ގިނަ ބަޔަކު އެ މަންޒަރު ބަލަން ތިބިއިރު، ގައިގައި އަތްނުލުމަށް އެދި އެ އަންހެން މީހާ ވަނީ އެތައް ފަހަރެއްގެ މަތިން ފުލުހުންނަށް އަންގައިފަ އެވެ. އަދި އޭނާ ވަނީ ފުލުހުން އޭނާ އަށް އެކުރަނީ “ޖިންސީ ފުރައްސާރަ” ކަމުގައިވެސް ބުނެފަ އެވެ.

އެ ވީޑިއޯ އާންމުވުމާއެކު މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، އެމައްސަލަ ޙައްލުކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތަށް ފާޑުކިޔާފަ އެވެ.