English Edition
Dhivehi Edition
06 ފެބްރުވަރީ 2020ގައި ޤާނޫނުލް ޢުޤޫބާތާއި ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާގެ ތެރެއިން - ފޮޓޯ: ޑީޖޭއޭ

ޖުޑީޝަލް އެކެޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ޤާނޫނުލް ޢުޤޫބާތާއި ޖިނާއީ އިޖުރާއަތާ ބެހޭ ޤަޟާއީ ސެމިނާ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސާ އަލްއުސްތާޛާ ޙިސާން ހުސައިން އިއްޔެ ފައްޓަވައި ދެއްވައިފިއެވެ.

މިއީ ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނު އަދި ޖިނާއީ ޢަދުލުގެ ނިޒާމާ ބެހޭ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރާއްޖޭގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ޖުޑީޝަލް އެކެޑަމީން ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމްގެތެރެއިން 2019 ވަނަ އަހަރު ނިމުނުއިރު އެކި ސަބަބުތަކާއި ހުރެ ތަމްރީނު ނުކުރެވިތިބި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ބާއްވާ ސެމިނާއެކެވެ.

އެ ސެމިނާ ފައްޓަވައި ދެއްވަމުން ޖޭއެސްސީގެ ރައީސާ، ޙިސާން ދެއްކެވި ވާހަކަފުޅުގައި މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ މުހިއްމުކަން ފާހަގަ ކުރަށްވާފައިވެއެވެ. އެގޮތުން ޢަދުލު އިންސާފު ގާއިމުކުރުމުގެ މައިގަނޑު ތަނބަކީ ޤާނޫނުތަކަށް ފުރިހަމައަށް އަހުލުވެރިވެލައްވައިގެން ތިއްބެވުމާއިއެކު ޤާނޫނާ އެއްގޮތަށް ހުކުމް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި އަދުލުވެރިކަމާއި އިންސާފުވެރިކަމާއިއެކު ހުކުމް ކުރުމުގެ ބިންގާ ރަނގަޅަށް ނޭޅިއްޖެނަމަ ރައްޔިތުންނަށް ލިބެންޖެހޭ އިންސާފެއް ނުލިބޭނެކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގެ ޝަކުވާ އަބަދުވެސް އަންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މި އަހަރަކީ ޖުޑީޝަލް އެކެޑަމީއިން ހަރުދަނާކަމާއިއެކު ދެމެހެއްޓެނިވި ގޮތަކަށް ތަމްރީން ޕްރޮގްރާމްތައް ހިންގަން ރާވާފައިވާ އަހަރެއްކަން ފާހަގަކުރައްވަމުން ޖުޑީޝަލް އެކެޑަމީއިން މިއަހަރު ހިންގާ ތަމްރީން ޕްރޮގްރާމް ތަކަކީ ވަކި ޤާނޫނަކަށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި ނުވަތަ އަލަށް އަންނަ ގާނޫނުތަކަށް ނިސްބަތްކޮށް ހިންގާ ޕްރޮގްރާމްތަކަކަށް އެކަނި ވެގެން ނުދާނެކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތަށް ފަނޑިޔާރުންނަށް ހިންގަންޖެހޭ ތަމްރީން ޕްރޮގްރާމްތަކާއި، ޤާނޫނުތަކަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތަކާއި، އަދި ރިފްރެޝަރ ޕްރޮގްރާމްތައް ހިންގުން އެއީ ރޭވިގެން އިންތިޒާމް ކުރެވިގެން ކޮންމެ އަހަރަކުވެސް ކަލަންޑަރުގައި ހިމަނައިގެން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެފުރުސަތުތައް ހޯދައިދީގެން ހިންގޭ ޕްރޮގްރާމް ތަކަކަށް ހެދުން އެއީ އެކެޑަމީގެ މިއަހަރުގެ އަމާޒަކަށް ވެގެން ދާނެކަމެކެވެ.

ޖުޑީޝަލް އެކެޑަމީން ހިންގާ ޕްރޮގްރާމްތަކަކީ ހަމައެކަނި ފަނޑިޔާރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމް ތަކެއް ނޫންކަމާއި ޝަރުޢީދާއިރާގެ މުވައްޒަފުން ތަމްރީންތަކުގައި ބައިވެރިކޮށްގެން ކުރިއަށްގެންގޮސްގެން މެނުވީ ފަނޑިޔާރުގެއަށް ގެންނަން މިއުޅޭ ބަދަލު ގެނެވޭނެކަމަށް ގަބޫލުފުޅު ނުކުރެއްވޭކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

“ފަނޑިޔާރުންނަށް ކިތަންމެ ރަނގަޅަށް ތަމްރީން ދެވުނު ކަމުގައިވީނަމަވެސް އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީވެސް އެ ތަމްރީން ދެވިގެން އެ އިލްމު އެނގިވަޑައިގެން ތިއްބެވި ބޭފުޅުން ކަމުގައިވާނަމަ ފަނޑިޔާރުގޭގެ މަސައްކަތް އިންތިހާއަށް ފަސޭހަވެގެންދާނެއެވެ. އަދި މަސައްކަތްތައް ލުޔިވެގެންދާނެއެވެ.”

ޖުޑީޝަލް އެކެޑަމީން ކުރިއަށްގެންދާ މި ސެމިނާ އޮންނާނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯގެ ސެމިނާ ހޯލުގައެވެ.