English Edition
Dhivehi Edition

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަނެއްކާވެސް ރާއްޖެ ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ދިވެހި ދިދަ ނަގައިފިއެވެ.

ކޮމަންވެލްތުގެ 54 ވަނަ ޤައުމަށް ރާއްޖެ ވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގަ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި، ދިދަ ނެގުމުގެ ރަސްމިޔާތުގައި ރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ރާއްޖެ އިން އެ ޤައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލާއި ކޮމަންވެލްތުގެ 53 ޤައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ހާމަކުރެއްވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވާފައެވެ.

ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރެއިން އެއް ވައުދެވެ.