English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: ފަޔާޒު މޫސާ (ސަން)

“ހިޔާ މަޝްރޫޢު”ގެ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ބައެއް ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ބުނެފި އެވެ.

އެ ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް އެ ކޮމިޓީން އެންމެ ދިގު މުއްދަތެއް ހޭދަކުރަންޖެހިފައިވަނީ “ހިޔާ” މަޝްރޫޢާ ގުޅުންހުރި ލިޔެކިޔުންތައް ހޯދައި، ހަމަކޮށް، އެ ލިޔެކިޔުންތައް ތަރުތީބުކުރުމުގެ މަސައްކަތަށް ކަމަށާއި، މިހާރު އެ މަސައްކަތް ނިމި، “ހިޔާ” މަޝްރޫޢުއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

“ހިޔާ” މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރުމުގައި، ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮމިޓީން ޢަމަލުކުރަން ނިންމާފައިވަނީ، އެ މަޝްރޫޢުގެ އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިޢުލާނުކޮށްފައިވާ އުޞޫލުތަކާއި މިންގަނޑުތަކަށް ކަމަށް ކޮމިޓީން ބުނެއެވެ. އަދި “ހިޔާ” މަޝްރޫޢު ގެ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކޮށްފައިވަނީ ޕޮއިންޓް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޢާންމުކޮށްފައިވާ އުޞޫލުތަކާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތުގެ ތެރޭގައި، ބައެއް ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ކޮމިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، “ހިޔާ” މަޝްރޫޢުގެ ގިނަ ކެޓަގަރީތަކުގައި “ދިރިއުޅުމުގެ ޙާލަތު”، މިބަޔަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށްކަމެއް ނުވަތަ ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، މި ކޮމިޓީން ބެލި ބެލުމުން އެނގެން ނެތް ކަމަށާއި، އެހެންކަމުން މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޝްވަރާގެ މަތިން އެކުލަވާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި، ދިރިއުޅުމުގެ ޙާލަތު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، އެ ޙާލަތު ބެލުމަށްފަހުގައިކަމަށް ކޮމިޓީން ނިންމާފައިވާތީ، “ދިރިއުޅުމުގެ ޙާލަތު”، މިބަޔަށް ޕޮއިންޓްދިނުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ވަޒަންކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައި ކަމަށްވެސް ކޮމިޓީން ބުނެއެވެ.

މީގެ އިތުރުން “ހިޔާ” މަޝްރޫޢަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްވެސް ކޮމިޓީއިން ދިރާސާކުރުމަށް ނިންމަވާފައިވާއިރު، ކޮމިޓީއިން ފޯމުތައް ބަލާ ވަކި ޕްރޮސެސްއެއް އޮންނަ ކަމަށާއި، އެގޮތުން އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވޭތޯއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަތޯ ބަލައި، އެ މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ ޕޮއިންޓް ދިނުމުގެ މިންގަނޑާ އެއްގޮތަށް ކޮންމެ ފޯމަކަށްވެސް މި ޕްރޮސެސްގައި (ދިރިއުޅުމުގެ ހާލަތުގެ ބައި ފިޔަވައި) ޕޮއިންޓް ދެވޭ ކަމަށާއި، އަދި ދެ ފަހަރެއްގެ މަތިން މި ޕްރޮސެސް ކުރިއަށް ގެންގޮސް ކޮންމެ ފޯމެއް 2 ފަހަރަށް ސްކްރީން ކުރެވޭ ކަމަށްވެސް އެ ކޮމިޓީން ބުނެއެވެ.

ހިޔާ” މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމްތައް މި ކޮމިޓީއިން އެސެސްކުރަމުންދަނީ، އަދި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮންމެ ކެޓަގަރީއަކަށްވެސް އެންމެ ފަހުން ގެޒެޓްކޮށްފައިވާ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އަސްލަކަށް ބަލައިގެންނެވެ. މިގޮތުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކޮންމެ ކެޓަގަރީއެއް އެސެސްކުރުމަށް ބޭނުންކުރާ ފޯމު 2019 ޑިސެންބަރު 1 ވަނަ ދުވަހު ޢާންމުކޮށްފައިވާނެއެވެ.، އެ ބަޔާނުގައި ވެއެވެ.

އަދި ސްކްރީނިންގ ޕްރޮސެސްގެ ތެރޭގައި، ޕޮއިންޓް ދެވޭއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ބަލާ ޕޮއިންޓްދޭންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، “ހިޔާ” މަޝްރޫޢަށް ހުށަހަޅާފައިވާ ބައެއް ފޯމުތަކާއެކު ހުށަހަޅަންޖެހޭ ގިނަ ލިޔެކިޔުން މަދުކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ކޮމިޓީން ބުނެއެވެ.

“އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ލިޔުންފަދަ މުހިއްމު ލިޔުންތައް މަދުކަމަށް ފާހަގަވެފައިވެއެވެ. ނަމަވެސް ފޯމުތަކާ މި ކޮމިޓީއިން ހަވާލުވިއިރު، ފޯމުތައް ބަހައްޓާފައިވާ ގޮތުންނާއި، ކޮމިޓީ އޮފީހަށް ފޯމުތައް ގެނައުމުގެ ތެރޭގައި އެކި ލިޔުންތައް ގެއްލިފައިވެދާނެކަމަށް ބަލައި، ކޮމިޓީއިން މިފަދަ ފޯމުތައް ބާޠިލްކުރުމުގެ ބަދަލުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް މި މައުލޫމާތު ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވެއެވެ.”، އެ ބަޔާނުގައި ވެއެވެ.

ސްކްރީނިންގ ޕްރޮސެސް ކުރިއަށް ގެންދެވެނީ ކޮންމެ ފޯމެއް ވަކިން ބެލުމަށްފަހު، އެ ފޯމަކަށް ލިބޭ ޕޮއިންޓް ކަނޑައެޅިފައިވާ ފޯމެއްގައި ލިޔެ އެ ފޯމް ބެލި ފަރާތުން ސޮއިކޮށް، ކޮންމެ ފޯމަކަށް ލިބޭ މާކްސް އަދި ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ސިސްޓަމަށް އެންޓަރކުރަންޖެހޭގޮތަށް ކަމަށާއި، އެހެންކަމުން ފޯމްތަކަށް ޕޮއިންޓް ދިނުމަށްފަހު (ދިރިއުޅުމުގެ ހާލަތު ބައި ފިޔަވައި) ފޯމަށް ލިބިފައިވާ ޕޮއިންޓާއި، ފޯމުގައި ހިމެނޭ މަޢުލޫމާތުތައް ސިސްޓަމަށް އެންޓަރކުރެވިގެންދާ ކަމަށްވެސް ކޮމިޓީން ބުނެއެވެ.

މީގެ އިތުރުން އެ ކޮމިޓީން ބުނީ “ހިޔާ” މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުންދާތީ، މި ފަރާތްތަކުގެ “ދިރިއުޅުމުގެ ޙާލަތު” ވަޒަންކުރުމުގެ މަސައްކަތް، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކުރެވޭ ކަމަށެވެ.

“ހިޔާ” މަޝްރޫޢުގެ އެކިއެކި ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ “ދިރިއުޅުމުގެ ޙާލަތު” ބެލުމަށްފަހު، ލިބޭ މަޢުލޫމާތު ސިސްޓަމަށް އެންޓަރކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ފޯމަށް ދެވޭ ޕޮއިންޓާއި، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ދެވޭ ޕޮއިންޓް އެއްކޮށް މި ދެބަޔަށް ލިބޭ ޕޮއިންޓްގެ މައްޗަށް ބިނާކޮށް، ފްލެޓް ޙައްޤުވާ ފަރާތްތަކުގެ ލިސްޓް އެކުލަވާލެވި، ޢާންމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.”، އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި “ހިޔާ” މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު، ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައަޅައި، ލިސްޓުތައް ޢާންމުކުރެވޭއިރު، ކޮންމެ ފަރާތަކަށްވެސް އެފަރާތަށް ލިބިފައިވާ ޕޮއިންޓާއި، ޕޮއިންޓް ލިބިފައިވާ ގޮތް ސާފުކޮށް ހާމަކުރެވިގެންދާނެ ކަމަށް އެ ކޮމިޓީން ބުނެއެވެ.

މީގެ އިތުރުން ޝަރުތު ހަމަނުވާ ފަރާތްތައްވެސް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާ ސަބަބު ސާފުކޮށް ބަޔާންކުރެވޭނެ ކަމަށާއި، އެގޮތަށް ޢާންމުކުރާ ލިސްޓުތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް އެ ކޮމިޓީން ވަނީ ބުނެފަ އެވެ.