މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޝިދާތާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމަނާ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
Today, I have received the resignation of Shidhatha Shareef as Minister of Gender, Family & Social Services. I thank her for her service. I have also decided to appoint Aishath Mohamed Didi presently our Ambassador in New Delhi as the Minister of Gender, Family and Soc. Services.
— Ibrahim Mohamed Solih (@ibusolih) February 6, 2020
މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ޖެންޑަރ މިނިސްޓަރުގެ ހުސްވެފައިވާ މަޤާމަށް ރާއްޖެއިން ދިއްލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު މުޙައްމަދު ދީދީ ޢައްޔަންކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ޖެންޑަރ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާދެއްވާފައި މިވަނީ އެ މަޤާމުގައި ޝިދާތާ ހުންނަވަން ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިއްތިފާޤުން ނިންމާފައި ވަނިކޮށެވެ. އަދި އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ، އެކަމަނާ އާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން ޔަޤީންކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވެސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަޙްމަދު ހިޝާންގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީ އިހުމާލުވާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް މީކާއިލް ވަނީ އިއްޔެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
މީކާއިލް ހުށަހެޅުއްވި އެ މައްސަލައިގެ މަޤްޞަދެއްގެ ގޮތުގައި ބުނެފައި ވަނީ 19 އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނެއްގެ ބެލެނިވެރިކަން ހިޝާން އަށް ދެވެން ނެތްކަމަށް ފެމިލީ ކޯޓުން 2018 ވަނަ އަހަރު ނިންމި ނިންމުން އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމާއި ގުޅިގެން، އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި، ހިޝާން އަށް “އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ” ކަމާއި ޤައުމީ އިނާމު ދިންއިރުވެސް އޭނާއާއިމެދު ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑަރ މިނިސްޓްރީ އަށް އެނގޭކަން ހާމަވެފައިވާއިރު، އެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީ އިން ވެފައިވާ އިހުމާލު މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
މީގެ އިތުރުން އިއްޔެ ހައި ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ހާމަވެފައިވާ ގޮތުގައި 17 ޖެނުއަރީ 2018ގައި ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނެއްގެ ބެލެނިވެރިކަން ހިޝާން އަށް ދެވެން ނެތްކަމަށް ފެމިލީ ކޯޓުން ޙުކުމްކޮށްފައިވަނީ ހިޝާން އާއިމެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސުން ދިން މަޢުލޫމާތާއި އެކު ޖެންޑަރ މިނިސްޓްރީ އިން އެކުލަވާލި ރިޕޯޓަކަށް ރިޢާޔަތްކޮށްފައި ކަމަށްވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.
އަދި ޚާއްސަ އެހީއަށް ބޭނުންވާ އެޒުވާނާގެ ބެލެނިވެރިކަން ހިޝާން އަށް ދެވެން ނެތް ކަމަށް ފެމިލީ ކޯޓުން ޙުކުމްކުރި ނަމަވެސް، އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އެޒުވާނާ އުޅެނީ ހިޝާން އާއެކު ކަމަށް ހައި ކޯޓަށް މަޢުލޫމާތު ލިބިފައިވާއިރު، ޖެންޑަރ މިނިސްޓްރީ އިން އެކަމާއި އަޅާނުލައި އޮތީ އެ މިނިސްޓްރީގެ އިޙުމާލުންކަން ހާމަވެފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.
އެހެންކަމުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އިން އެ މައްސަލަ ބަލައި، ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނާ އާމެދު އިހުމާލުވި ވަކިވަކި ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މީކައިލް ވަނީ ގޮވާލައްވައިފަ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު، އޭގެ ތެރެއިން ގިނަ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީގެ އިޙުމާލެއްވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އަދި ބައެއް މައްސަލަތަކުގައި އެނގިހުރެވެސް ފިޔަވަޅު ނޭޅުމުގެ ސަބަބުން ކުޑަކުދިންނަށް ގެއްލުންވެފައިވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
މީކާއިލް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ކުރިއަށްދިޔަ ބަހުސްގައިވެސް ގިނަ މެންބަރުން ވަނީ ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.
ރާއްޖޭގެ ދެކުނުގެ ރަށެއްގައި ތިން ބަފައިން ވެގެން ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަޤާމުން އިސްތިއުފާ ދެއްވާ ވަގުތުން ފެށިގެން އިތުރު ޖިންސީ ގޯނާގެ މައްސަލައެއް ރާއްޖޭގައި ނުހިންގާނަމަ އިސްތިއާފާ ދޭން ހުންނެވީ ތައްޔާރަށް ކަމަށް ޝިދާތާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އެގޮތުން އެ މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި ބޭއްވި އިހުތިޖާޖު އޮތް ސަރަޙައްދަށް ވަޑައިގެން ނޫސްވެރިންނާ ދެއްކެވި ވާހަކައިގައި ޝިދާތާ ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި، ކަމެއް ހިނގާ ވަގުތު އެކަމާ ގުޅިގެން ވާހަކަ ނުދެއްކުމަކީ އެ މައްސަލައަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެ ވަގުތުތަކުގައި ނޭޅުން ނޫން ކަމަށެވެ.