މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވަން މިއަދު ނިންމަވައިފި އެވެ.
ޖެންޑަރ މިނިސްޓަރ އިސްތިއުފާ ދޭން ނިންމެވީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ކުއްލި ބައްދަލުވިމެއްގައި އެވެ. އެ ބައްދަލުވުމުގައި ޝިދާތާ ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވަނީ އޭނާގެ އިހުމާލެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ ނޫން ކަމަށް ވިދާޅުވިއެވެ.
ޝިދާތާ އަށް ސަރުކާރުގެ ޖެންޑަރ މިނިސްޓަރުކަން ލިބިފައި ވަނީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އެވެ.
މިނިސްޓަރ ޝިދާތާ އިސްތިއުފާ ދެއްވަން އުޅޭ ވާހަތަކުގެ އަޑުފެތުރިފައިވާއިރު ޝިދާތާގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ގޮވާލާފައެވެ. އަދި މެމްބަރުން ވޯޓު ނަގައި ޝިދާތާ ބޭރުކޮށްލާނެ ވާހަކަތައްވެސް ވަނީ ފެންނަތިވެފައެވެ.
މަޖިލީހުގެ މެމްބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވަމުން ގެންދަނީ ރާއްޖޭގައި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުން އިންތިހާއަށް އިތުރުވެފައި ވާތީ މިނިސްޓްރީގެ ފަރުވާކުޑަކަމުން ބައެއް ކަންކަން ނުހުއްޓުވި ދާތީ ކަމަށް ބުނެއެވެ.