English Edition
Dhivehi Edition
ހުޅުމާލޭގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަޚަމްކޮށްލި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ވަޅީގެ ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާގައި އަނިޔާވެފައި ވަނީ ޗައިނާގެ 2 ފިރިހެނުންނާއި އޮސްޓްރޭލިއާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އެ މީހުންނަށް ހަމަލާދީފައި ވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ ދެމީހެކެވެ.

3 ފަތުރުވެރިއަކަށް ވަޅިންދިން ޙަމަލާއެއް ގެ ޒިއްމާ ހަރުކަށި ފިކުރުގެ ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު މިރޭ އުފުލާފައިވަނިކޮށް މިނިސްޓަރ ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު ﷲ ގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.

ފުލުހުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދާއިރު، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިވެހި ޓެލެގްރާމް ޗެނަލް މެދުވެރިކޮށް އާންމުކުރި ވީޑިއޯއެއްގައި އެ އައިއެސް ޖަމާޢަތުގެ ދިވެހި ގޮފިން ވަނީ އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ވީޑިއޯގެ ސައްޙަކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ލާނެ ރަހައަކީ އަލިފާނުގެ ރަހަ ކަމަށާއި ދެން ހަމަލާތައް ދޭނެ ތަނެއްވެސް އަދި ދެވޭނެ ވަގުތެއްވެސް ނުވިސްނޭނެ ކަމަށް އެ ވީޑިއޯގައި ބުނެފައި ވެއެވެ.