English Edition
Dhivehi Edition
ހުޅުމާލެ ހޮސްޕިޓަލް - ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަޚަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 20:10 ހާއިރު ކަމަށެވެ.

އަދި އެ މާރާމާރީގައި އަނިޔާވެފައި ވަނީ ޗައިނާގެ 2 ފިރިހެނުންނާއި އޮސްޓްރޭލިއާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުތގައި އެ މީހުންނަށް ހަމަލާދީފައި ވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ތިން މީހުންވެސް އާންމުންގެ ބަޔަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެމީހުންނަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އަނިޔާވި ތިން މީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށާއި، އޭގެ ތެރެއިން ޗައިނާގެ އެކަކީ ފަތުރުވެރިއެއް ކަމަށްވާއިރު، އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތްކުރާ ދެ ބިދޭސީން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.