English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: އަޙްމަދު ޝުރާޢު (އަވަސް)

“ހިޔާ މަޝްރޫޢު” އަށް ޝަރުޠު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން އެ ބޭފުޅުންގެ ފޯނު ނަންބަރު ފޮނުއްވައިދިނުމަށް ރައީސް އޮފީހުން މިއަދު އެދިއްޖެ އެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އިން ބުނީ “ހިޔާ މަޝްރޫޢު” ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ “ދިރިއުޅުމުގެ ޙާލަތު” ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ. އަދި “ދިރިއުޅުމުގެ ޙާލަތު” ދެނެގަތުމަށް އެ ކޮމިޓީގެ ފަރާތުން ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދާ ކަމަށްވެސް އެ ކޮމިޓީ އިން ބުނެއެވެ.

އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ، H5 ، H12 ، H13 އަދި H15، މިކެޓެގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކުގެ ލިސްޓް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އެ ފަރާތްތަކާ ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރެވިފައިވާ ކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އިން ބުނެއެވެ.

އެ ކޮމިޓީ އިން ވަނީ އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނަމްބަރާ ގުޅައި، މަޢުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ. އަދި އެ ނަންބަރުން ގުޅޭގޮތްނުވިނަމަ، އެސް.އެމް.އެސް އެއް ފޮނުއްވުމަށްވެސް އެ ކޮމިޓީ އިން ވަނީ އެދިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން ކުރިއަށްގެންދިޔަ “ހިޔާ މަޝްރޫޢު”ގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓަށް 22،000 އަށްވުރެ ގިނަ މީހުން ވަނީ ފޯމް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ފްލެޓްތައް ދޫކޮށްފައި ވަނީ ބޭއިންސާފުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން ދިއުމާއި ގުޅިގެން މި ސަރުކާރުން ވަނީ އެ މައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދޫކޮށްފައިވާ ގޮތް ބަލައި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓް އިއުލާންކުރަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެ 7،000 ފްލެޓް، އޭގެ ޙައްޤުވެރިންނާއި ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.