ރައީސް އޮފީހުން ބުނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހަށް ވާ ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށް ވާތީ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށް ރައީސް ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވައެވެ.
މީގެ ކުރިން ވެސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ، މި އަހަރު ވެސް އެގޮތަށް އަމަލުކުރެއްވުމަށް ރައީސް ނިންމެވީ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ފެބްރުއަރީ ފަސް ވަނަ ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ.