English Edition
Dhivehi Edition

ހަރުކަށި ފިކުރު ފެތުރުން ހައްލުނުވެ އޮތީ އެއީ ނުހިނގާ ކަމެއްކަމެއް ކަމުގައި ހަދައި، ކުރީގެ ސަރުކާރުތަކުން އެކަމަށް މާބޮޑު ސަމާލުކަމެއްދީފައި ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި މިއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް މިކަން ޙައްލުނުވެ އޮތީ، މިއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މި ކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން ކަމަށެވެ.

ދީނީ ގޮތުން ހައްދުފަހަނަޅައި ދިއުން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން ޢާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކޮށް ރައީސްވަނީ މިކަމާއި ދެކޮޅަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތައް ހިއްސާކުރައްވާފައެވެ. މި ގޮތުން މި ކަންކަން ޙައްލުކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ބަދަލު ކުރެވޭނޭހެން، ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ޚިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުޢާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ނިންމާފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިޞްލާޙްކޮށް މުޖްތަމަޢަށް ގެނައުމަށްޓަކައި ޤާއިމްކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ ޢިމާރާތް ވެސް މިހާރުވަނީ ހަދައި ނިމިފައިވާކަން ރައީސްވަނީ ފާހަކުރައްވާފައެވެ.