ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ.
މި ޓްރެވަލް އެޑްވައިޒަރީ ނެރިފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަިއ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ ދަށުން މިރޭ 00:00 އިން ފެށިގެން ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެ ކަމަށެވެ. އެގެތެރޭގައި ޗައިނާގައި ހުރި އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ހިމެނޭނެކަމަށާއި، ޓްރާންސިޓް ފްލައިޓަކުންވެސް، ރާއްޖެ އެތެރެނުވެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަދި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެ އިން ޓްރެވެލް އެޑްވައިޒަރީއެއް ނެރުނީ ކޮރޯނާވައިރަހާ ގުޅިގެން ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ. ޚާއްސަކޮށް އެ ވައިރަސް ޖެހިފައިވާ މީހަކު ޗައިނާ އިން ބޭރުން އެހެން ގައުމަކުން މިއަދު މަރުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އަމީން ވިދާޅުވި އެވެ.
“މި ހިސާބަށް އައިއިރު، ރާއްޖެ އަށް ދެން ރައްކާތެރި ވުމުގެ ގޮތުން، ރާއްޖޭގެ ހާލަތަށް ބަލާފައި ދެން އެޅެން އޮތް އެންމެ ފުރަތަމަ ހަރުދަނާ ފިޔަވަޅަކީ އެއީ (ޓްރެވެލް އެޑްވައިޒަރީ) ކަމަށް ވާތީ ސަރުކާރުން އެ ނިންމުން ނިންމީ. އެހެން ނަމަވެސް ރާއްޖޭގެ ބައެއް ދިވެހިން އެ ތާނގައި އެބަތިބި. ދިވެއްސަކު ވެސް ދެން ރާއްޖެ އަނބުރާ އަންނަން ވެއްޖެ ނަމަ ސްޓްރެއިޓްކޮށް ދާނީ ކަރަންޓީން ފެސިލިޓީ އަށް، މި ވަގުތު ސޭފްޓީ އަށް ވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތް. މިއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންނާއި ރާއްޖޭގައި މިވަގުތު ދިރިއުޅެމުންދާ މީހުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއް ދީގެން އެޅުނު ފިޔަވަޅެއް ކަމަށް އަލީ ވިދާޅުވިއެވެ.”
އަދި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ވެސް އެންމެ ރައްކާތެރި ފިޔަވަޅަކީ އެއީ ކަމަށް ވާތީ އެ ނިންމެވުން ރައީސް ނިންމެވީ ކަމަށް އަލީ ވިދާޅުވި އެވެ.
ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަހާ ގުޅިގެން، ރާއްޖެ-ޗައިނާގެ ސީދާ ފްލައިޓްތައް މިދިޔަ ހަފުތާގައި ވަނީ ހުއްޓާލައިފަ އެވެ.