English Edition
Dhivehi Edition

ކާބޯތަކެތީގެ ދުވަހާއި ބައިނަލްއަގްވާނީ ޝެފްސް ޑޭ ފާހަގަ ކުރުމުގެ ގޮތުން އައްޑޫގައި އިއްޔެ ބޭއްވީ ކެއްކުމުގެ ހުނަރު ދައްކުވައިދޭ މުބާރާތަކީ އެއަށް އިންސާފުކޮށްދެއްވި ފަނޑިޔާރުންނާއި އައްޑޫ މޭޔަރުގެ ތަރުހީބު އޮހިގެންދިޔަ ހަރަކާތެކެވެ.

އައްޑޫގެ އަވަށްތަކުން 16 ޓީމް ބައިވެރިވެ ޝެފުން ހައިރާންކޮށްލި މިމުބާރާތުގެ ސަބަބުން ކަނބަލުންނަށް ހިތްވަރެއް ލިބިއްޖެއެވެ. ޝެފުން ދެއްވި ތަރުހީބާއި ކުރެއްވި ތައުރީފުގެ ސަބަބުންނެވެ. ފަނޑިޔާރުން ވިދާޅުވީ ހުރިހާ ކެއުމެއްގެ ރަހަވެސް ގާތްގަނޑަކަށް ހަމަހަމަ ކަމަށެވެ. އެހެންވެ އިންސާފު ކުރަންވެސް އުނދަގޫވި ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ޝެފުންގެ ދޫތަކުން އައްޑޫ ކަނބަލުންގެ ކެއްކުމުގެ ހުނަރަށް ތައުރީފް އޮއްސާލި އޮއްސާލުމަކީ ފެށުމެއް ކަމަށް ބަލައިގަންނާށެވެ. ދެވަނަ އަދި ތިންވަނަ ފަހަރަށް މިފަދަ ފުރުސަތެއް ހޯދައި އެއީ ދާއިމީ ކަމަކަށް ހެދުމުގެ ފުރުސަތު މިހާރު އޮތީ ތިޔަ ކަނބަލުންގެ އަތްމަތީގައެވެ.

ތިޔަ ކަނބަލުންގެ ހުނަރާއި ކުޅަދާނަކަން ދައްކައިގެން ރާއްޖޭގެ މަޝްހޫރު އެތައް ޝެފުންގެ އަތުން ބޮޑެތި ތައްޓާއި އިނާމްވެސް ތިޔަހޯއްދެވީއެވެ. އެކަމަށްޓަކައި އައްސަރިބަހާއި ސަބަސް ހުއްޓެވެ.

މިއަދު ތިޔަ ކަނބަލުން އެންމެ އިސްކަމެއް ދެއްވަންވީ އައްޑޫ ފަސްގަނޑުން ލިބެންހުރި އެއްޗެއް ބޭނުންކޮށްގެން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމެވެ. އާ ވިޔަފާރިއަކާ ދިމާއަށް މިސްރާބު ޖެހުމެވެ. މިކަން ކުރުމަށް އައްޑޫބޮނޑިއަކީ މިސާލެއް ކަމަށް ނެގިދާނެއެވެ. އައްޑޫ ބިމުގައި ހެދޭ ބައެއް ތަކެތީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެން އެއިން ތަފާތު އެއްޗެއް އުފެއްދުމަކީ “ޝެފުންނަށް” ވީތީ ނުވާނެ ކަމެއްނޫންނެވެ. މިކަމަށް މިމަގަށް ކުރުމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގުވެސްވަނީ އެދިވަޑައިގެންފައެވެ.

އެކަމަށްޓަކައި އެހީވުމަށް އައްޑޫސިޓީ ކައުންސިލް ތައްޔާރެވެ. އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތައްޔާރެވެ. ޝެފްސް ގިލްޑް އޮފް މޯލްޑިވްސް ގެ އެހީތެރިކަން ނުލިބިއެއް ނުދާނެއެވެ.

އައްޑޫ ކަނބަލުންނަށް ތިޔައޮތީ މަގެއް ފެނިފައެވެ. ޝައުގުވެރިކަމާއެކު ކުރިއަށް ދާންވީއެވެ. ފަތުރުވެރިންނަށް ޚާއްސަކޮށްގެން ކާބޯތަކެތި ހަދަންވީއެވެ. ފަތުރުވެރިން އަބަދުވެސް ލޯބިކުރާނީ އެތަނެއްގެ އުފެއްދުންތަކަށެވެ. އެމީހުން ރަށްފުށު ދިރިއުޅުމާއި ރަށްފުށުގެ އުފެއްދުންތަކަށް މާ ވަރުހުންނާނެ ކަމަށް ބެލެވެއެވެ.

ފަތުރުވެރިން ގަޔާވާނެ ކަހަލަ ކާބޯތަކެތި ހަދައި މާކެޓް ކުރުމަށް ތިޔަ ކަނބަލުން މިހާރު ތިޔަ ތިބީ ފައްކާވެފައި ކަމަށް ބެލެވެއެވެ. އައްޑުއަށް ނިސްބަތްވާ ބައިނަލްއަގުވާމީ ޝެފުން އެތިއްބެވީ ތިޔަ ކަނބަލުންގެ ފަހަތުގައެވެ. ކުރިއަށްދާށެވެ.