English Edition
Dhivehi Edition

ޗައިނާގައި ހުރި އެޕަލް ކުންފުނީގެ ފިހާރަތައް ބަންދުކުރަން އެ ކުންފުނިން ނިންމައިފިއެވެ. އެޕަލް ކުންފުނިން މިގޮތަށް ނިންމާފައި ވަނީ ޗައިނާގައި ހަލުވިކަމާއި އެކީ ނޮވެލް ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ އެވެ.

އެޕަލް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިއްޙީ ތަޖުރިބާކާރުންގެ އިރުޝާދާއި އެކު އެ ކުންފުނީގެ ކޯޕަރޭޓް އޮފީސް ތަކާއި، ސްޓޯރ ތަކުގެ އިތުރުން ކޮންޓެކްޓް ސެންޓަރުތައް 7 ފެބްރުއަރީ އިން ފެށިގެން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކުންފުނީގެ އޮންލައި ސްޓޯރ ހުޅުވިފައި ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ޗައިނާގައި ހުރި އެޕަލް ކުންފުނީގެ ފިހާރަތައް ބަންދުކުރަން އެ ކުންފުނިން ނިންމިއިރު އެޕަލް އިން ބުނީ ޗައިނާގެ ހާލަތު ވަރަށް ކައިރިން ބަލަމުން ގެންދާނޭ ކަމަށެވެ. ޗައިނާގައި އެޕަލް ކުންފުނީގެ ފެކްޓްރީތައްވެސް ހިންގައެވެ. އެ ކުންފުނީގެ ފެކްޓްރީތައް ޗައިނާގައި ހިންގަނީ ފޮކްސްކޮން ކުންފުނިންނެވެ.

ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގައި މިހާތަނަށް 200 އެއްހާ މީހުން މަރުވެފައިވާއިރު މި ވައިރަސް ވަނީ ދުނިޔޭގެ 20 އަށްވުރެ ގިނަ ޤައުމަށް ފެތުރިފައެވެ. އެތައް ހާސް ބަޔަކަށް މި ވައިރަސް ޖެހިފައިވާއިރު ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމިއްޔާއިން ވަނީ ސިއްޚީ އެމެޖެންސީވެސް އިއުލާން ކޮށްފައެވެ.