English Edition
Dhivehi Edition

މީގެ ކުޑައިރުކޮޅެއް ފަހުން އަޅުގަނޑުމެން ތިބޭނީ އިރާދަ ކުރެއްވިއްޔާ އައު ޚިޔާލާއި އައު އުންމީދު ތަކާއެކު އައު އަހަރެއްގެ ފުރަތަމަ ދެތިން ސިކުންތުގެ ތެރޭގައެވެ.

ނިމިގެން މިދާ އަހަރަކީ ތިޔަ އެންމެހާ ބޭފުޅުންނަށް ކާމިޔާބު އަހަރެއް ކަމަށްވާނެ ކަމަށް އުންމީދު ކުރަމެވެ. ފެށެން ކުޑަތަންވެފައިވާ އައު އަހަރުގެ ހެޔެދުއާއާއި ތަހުނިޔާ ފޮނުވަމެވެ.

އައު އަހަރަކާ އަޅުގަނޑުމެން ކުރިމަތި މިލަނީ އައު އުންމީދު ތަކާއެކުގައެވެ. އައު ކަންތައް ތަކެއް ކަނޑައަޅައި އެކަންކަން ހާސިލް ކުރުމުގެ އަޒުމުގައެވެ. އައު އަހަރަށް ކަނޑައަޅަންޖެހޭ ރަނގަޅު އަޒުމެއް އެބައޮތެވެ. ދުންފަތުން އިސްތިއުމާލު ކުރުން ހުއްޓާލުމުގެ އަޒުމެވެ.

ދުންފަތުން އިސްތިއުމާލު ނުކުރާ މީހުންގެ އަޒުމަކަށްވާންވީ އެހެން މީހުން ދޫކޮށްލާ ދުމުގެ ޝިކާރައަކަށްނުވެ ސަލާމަތްވުމެވެ.

ދުންފަތާ ދުރުވުމަކީ އުނދަގޫ ކަމެއްކަމަށް އިހުސާސް ކުރެވޭ ކަމަށްވާނަމަ ތިބާ ރޯދަހިފަން ފަށާށެވެ. އޭރުން 14 ވަރަކަށް ގަޑިއިރު އެއާ ދުރުގައި ހުރެވޭނެއެވެ. އެގޮތަށް މަޑުމަޑުން ދުރުވަމުންގޮސް ނިކޮޓިންގެ އަޅުވެތިކަމުން މިނިވަންވެގަންނާށެވެ.

އެ އަމަލު ހުއްޓާލާތާ ވިހި މިނިޓު ފަހުން ހިތުގެ ވިންދު ހަމައަކަށްއެޅި ލޭގެ ޕްރެޝަރ އާންމު ހާލަތަށް ބަދަލުވެދެއެވެ.

ދުންފަތް ބޭނުން ކުރުން ހުއްޓާ ލުމުން، ނޭވާލާން ފަސޭހަ ވެއެވެ. ބުންވަރާއި ހަކަތަ އިތުރުވެއެވެ. ރަހަ ލުމުގެ ހިއްސާއި، ވަސްބެލުމުގެ ހިއްސު ކުރިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރެއެވެ. ހަށިގަނޑާއި، އަނގައިން ދުވާ ނުބައިވަސް ފިލައެވެ. އެއީ އެހެންމީހުންގެ ބަދުބަސްތަކުން ތިބާ ސަލާމަތް ކޮށްދޭނެ ކަމެކެވެ.

ހަށިގަނޑުގެ މަސްތައް އިތުރުވެއެވެ. ހަންގަނޑު ރީތިވެއެވެ. ޒުވާންކަން ދެމެހެއްޓުމަށް ބާރުލިބެއެވެ. ދުންފަތް ހުއްޓާލުމުން ދިމަވާ އުނދަގޫތައް 2-4 ހަފްތާއާ ދެމެދު ފިލައިދެއެވެ. ސްޓްރެސް ލެވެލް ކުރިއަށްވުރެ ކުޑަވެއެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާ ބޭރުކާނުވެ ސަލާމަތްވެއެވެ.

މިއީ ހަދިޔާއެއް ކަމަށް ބަލައިގެން މިއަށް އަމަލުކޮށްފި ކަމަށްވާނަމަ އެމީހަކަށް ހުރި އުފާވެރިކަމުގެ ބޮޑުކަމާއެވެ. އޭރުން ތިމާގެ އިތުރަށް އެތައް ބައެއްގެ ސިއްހަތުވެސް ސަލާމަތް ކުރެވުނު ކަމުގެ އުފާ ލިބުނީއެވެ.

މި ފެށޭ އައު އަހަރަކީ ތިޔަބޭފުޅުންގެ ހުރިހާ އުންމީދެއް މާތްﷲ ގެ ރުއްސެވުމާއެކު ހާސިލްވާނެ އަހަރަކަށްވާނެ ކަމަށް އުންމީދު ކުރަމެވެ.